2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެމްއީސީއެސް) ބުނީ، ހޮޓެލް އޭޝިއާ އެންމެ ފުރަތަމަ ފެށީ އެންމެ 40 ކުންފުންޏެއްގެ ބައިވެރިވުމާއެކު ހަމައެކަނި މައުރަޒެއްގެ ގޮތުގައި ކަމަށެވެ. އެ ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މުދަލުގެ ގާތްގަނޑަކަށް 80 އިންސައްތަ ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުގެ މައުރަޒުތަކަށް ޒިޔާރަތްކޮށްގެންނެވެ.
އެހެންކަމުން، މި އިވެންޓް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މުދާ ސަޕްލައިކުރާ ފަރާތްތަކާއި، ހޮޓާ ހިންގާ ފަރާތްތައް އަދި ދާއިރާގެ މާހިރުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ވިޔަފާރިތަކަށް ބޭނުންވާ ތަކެއްޗާއި ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ފުރަތަމަކޮޅު ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އައި މި މައުރަޒު، ރާއްޖޭގެ ޓޫރިޒަމް ފުޅާވެ، ބައިނަލްއަގުވާމީ ބްރޭންޑްތަކާއި ވިޔަފާރިތަކުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން 2008 ވަނަ އަހަރުން ފެށިގެން ވަނީ ކޮންމެ އަހަރަކު ބާއްވާ އިވެންޓަކަށް ބަދަލުކޮށްފައެވެ.
އެމްއީސީއެސްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ހޮޓެލް އޭޝިއާ މޯލްޑިވްސް އިން ވަނީ ބައިނަލްއަގުވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށްދީފައެވެ. މީގެ ސަބަބުން ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތައް އަދި ރެސްޓޯރެންޓްތަކަށް ބޭނުންވާ ޒަމާނީ ސާމާނާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ބަދިގެއަށް ބޭނުންވާ ޓެކްނޮލޮޖީ އަދި ހިދުމަތްތައް ހޯދުމަށް ފަސޭހަވެގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ބޭރު ގައުމުތަކަށް ބަރޯސާވި 80 އިންސައްތަ މިހާރު ވަނީ 20 އިންސައްތައަށް ދަށްކުރެވިފައެވެ.
މި ހަރަކާތުގެ ކުރިއެރުމުން ރަމްޒުކޮށްދެނީ ރާއްޖެއަކީ ދުނިޔެ ބަލައިގަންނަ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެން ދިޔަ ގޮތެވެ. މިއަދު މި އިވެންޓަކީ ސަޕްލަޔަރުންނާއި، ރިސޯޓް އޮޕަރޭޓަރުން، ޝެފުން އަދި ވިޔަފާރިވެރިން އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އާ އީޖާދުތައް ތައާރަފުކުރާ މުހިންމު މަރުކަޒެކެވެ.
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި މައުރަޒުގެ 20 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 އިން 30 އަށް ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައެވެ. މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ކުރިއަށްދާ "އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" ސެޕްޓެމްބަރު 27 އިން 30 އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (މާލެ) އަދި ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists