ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ 10 އެޕިސޯޑުގެ ދިވެހި ކްރައިމް ތްރިލާ ސީރީޒް "ޖުންޖުލާ" އަންނަ އޮކްޓޫބަރު ތިނެއްގައި މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް ވީޑިއޯކްލަބް މެދުވެރިކޮށް ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ކްރިއޭޓިވް ނެޓްވޯކުން ޕްރޮޑިއުސްކޮށް އަޒްހާން ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގައި ކިޔައިދެނީ އެކްޓަރު ވާޝިއާ ކުޅޭ އިންސްޕެކްޓަރު ޒާރާ އާއި ޕާޓްނަރު ޒުހައިރު ކޮންމެ އެޕިސޯޑެއްގައި ވަކި ވަކި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ ވާހަކައެވެ. އެ ތަޙުޤީޤުތަކުގެ ތެރެއިން ޒާރާގެ އަމިއްލަ މާޒީގައި ފޮރުވިފައިވާ ސިއްރުތައް ބެލުންތެރިންނަށް ފެންމަތިވަމުންދާނެއެވެ. ޕްރިމިއާ ކުރާ ރޭ ފުރަތަމަ ދެ އެޕިސޯޑު ކަމަށްވާ "ފަހު ފިލާވަޅު" އަދި "މުކައްޒިބީން" އެއްފަހަރާ ނެރޭއިރު އެއަށް ފަހު ކޮންމެ ހަފްތާއަކު އައު އެޕިސޯޑެއް ގެނެސްދޭނެއެވެ.
ސީރީޒްގެ ފަހަތުގައިވާ ޚިޔާލާ ބެހޭ ގޮތުން އަޒްހާން ބުނީ މުޅި ސީރީޒް ބިނާވެފައި ވަނީ ވަރަށް އާދައިގެ ސުވާލެއްގެ މައްޗަށް ކަމަށެވެ. "ޖުންޖުލާގެ ކޮންމެ އެޕިސޯޑަކީ ވަކި މައްސަލައެއް. އަދި ކޮންމެ މައްސަލައަކީވެސް ކޮންމެވެސް ކަމެއް ސިއްރުކުރުމަށް މީހުން ހަދާ ދޮގުތަކެއްގެ މައްޗަށް އެކުލެވޭ މައްސަލައެއް. މުޅި ސީޒަންގައި ޒާރާ އުޅޭނީ ދޮގުހަދާ މީހުން ހޯދަން. އެކަމަކު އޭނާގެ އަމިއްލަ ސިއްރުތަކެއްވެސް ވާކަން ބެލުންތެރިންނަށް މަޑުމަޑުން އެނގެން ފަށާނެ. ޝޯގެ އަސްލު ފޯރިއަކީ އެއީ" އަޒްހާން ބުންޏެވެ.
ފީޗާ ފިލްމެއް ޑައިރެކްޓް ކުރުމާއި ސީރީޒެއް ޑައިރެކްޓް ކުރުމާ ހުރި ތަފާތާ ބެހޭ ގޮތުން އޭނާ ފާހަގަކުރީ ކޮންމެ ހަފްތާއަކު އައު މައްސަލައަކާ އެކު ބެލުންތެރިންގެ ޝައުޤު ދަމަހައްޓަން ޖެހުމަކީ މުޅި ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވީ ބޭރުގެ ކޮޕީއަކާ ނުވައްތަރު ދިވެހިވަންތަ ކްރައިމް ތްރިލަރއެއް އުފައްދަން. ޕޮލިސް ސްޓޭޝަންތަކާއި ރަށްތަކާއި އާއިލީ ޕްރެޝަރުތަކާއި ސިޔާސީ ކަންކަން މިއީ ހުސް ރާއްޖޭގެ މާޙައުލާ ގުޅޭ ކަންކަން." އޭނާ ކިޔައިދިނެވެ.
ވީޑިއޯކްލަބް މެދުވެރިކޮށް ނެރޭ ގޮތަށް ހެދުމުން ރާއްޖޭގެ އެކި ހިސާބުތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެސް ފަސޭހައިން ބެލޭނެ ކަމަށް އަޒްހާން ބުންޏެވެ. "އަޅުގަނޑުމެންގެ ވަރަށް ގިނަ ބެލުންތެރިންނަކީ ކިޔަވަން ނުވަތަ ވަޒީފާގެ ބޭނުމުގައި ރާއްޖެއިން ބޭރުގައި އުޅޭ މީހުން. ސްޓްރީމިންގްގެ ސަބަބުން ރާއްޖޭގައި ތިބޭ މީހުންނެކޭ އެއްގޮތަށް އެމީހުންނަށްވެސް އެއް ދުވަހެއްގައި އެޕިސޯޑުތައް ބަލާލެވި މި ވާހަކަތަކުގައި ބައިވެރިވެވޭނެ."
މިއީ މިދިޔަ އަހަރު ކްރިއޭޓިވް ނެޓްވޯކުން ގެނެސްދިން ފީޗާ ފިލްމު ލީލީ (Lily) އަށް ފަހު އެ ކުންފުނިން ނެރޭ އެންމެ ފަހުގެ އުފެއްދުމެވެ. ޖުންޖުލާގެ އެޕިސޯޑުތައް މީޑިއާނެޓްގެ އެމް.އެސް ލައިޓް އަދި އެމް.އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ވީޑިއޯކްލަބުން އޮކްޓޫބަރު ތިނެއް އިން ފެށިގެން ބެލޭނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists