ހަތް ދުވަހުގެ ތެރޭގައި ވިޔަފާރި އުޅަނދުފަހަރަށް ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރިނަމަވެސް، އެމެރިކާގެ ރަސްމީ ޖަވާބަކަށް އިންތިޒާރު ކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕްގެ މި ނިންމުން ފާހަގަކުރައްވަމުން، ޓްރަމްޕަކީ މީގެ ކުރިންވެސް އެކި ފަހަރު އެކި ގޮތަށް، ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އެމެރިކާގެ ރަސްމީ ބަސް ލިބުމުން، އޭގެ މައްޗަށް ބިނާކޮށް އީރާނުން ގޮތެއް ނިންމާނެ ކަމަށެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ރައީސް ޓްރަމްޕް ބުނީ ތެހެރާނުގެ ހުށަހެޅުމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި، އެމީހުން ވަގުތުން ކަނޑުއޮޅި ހުޅުވާލަން ބޭނުންވަނީ ހަނގުރާމައިގައި ވަރަށް ބޮޑަށް ބަލިވަމުންދާތީ ކަމަށެވެ. އަދި އެމެރިކާއިން މިހާރުވެސް އެ ސަރަހައްދު ފުރިހަމައަށް ކޮންޓްރޯލް ކުރަމުންދާ ކަމަށާއި، ގިނަ އަދަދެއްގެ ތެޔޮ އެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.
ނިއުޔޯކުގައި ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އަރަޤްޗީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި "ބޭނުންވާ ޝަރުތުތައް ފުރިހަމަވެއްޖެނަމަ" އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. މި ޝަރުތުތަކަކީ މިދިޔަ ޖޫން މަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގައި ހިމެނޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި ބަންދުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާ ގުޅިގެންނެވެ.
މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ވަނީ މި ކާރިސާ ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. އޮމާނުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދްރު ބިން ޙަމަދު އަލްބުސައިދީ އދ. ގައި ވާހަކަދައްކަވަމުން ވަނީ މި ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކުން އޮމާނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
އަނެއްކޮޅުން، ނޭޓޯއަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މެތިއު ވިޓޭކާ ވަނީ ޓްރަމްޕްގެ ނިންމުމަށް ތާއީދުކޮށްފައެވެ. އޭނާ ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ބުނީ އީރާނުން ހުށަހަޅަނީ ދުނިޔޭގެ ކުރިމަތީގައި ރީތި ނަން ހޯދުމަށް ހުށަހަޅާ ދެފުށް ދެގޮތް ހުށަހެޅުންތަކެއް ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އެކްސްގައި ކުރި ޕޯސއޓެއްގައި ބުނީ އެމެރިކާގެ އިގްތިސާދީ ފިއްތުންތަކުގެ ސަބަބުން ތެހެރާނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ތުރުކީ، އޮމާން އަދި ޔޫއޭއީން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލާފައިވާ ކަމަށާއި، ބައެއް ބޭންކުތަކުން މުއާމަލާތްތައް މެދުކަނޑާލާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޓްރަމްޕްގެ ސަރުކާރުން "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދާއިރު، އިގްތިސާދީ މާހިރުން ބުނަނީ މި ފިޔަވަޅުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވާ ޗައިނާއިން އަމަލުކުރާނެ ގޮތެއްގެ މައްޗަށް ކަމަށެވެ. މީގެ ކުރިންވެސް ޗައިނާއިން ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި އީރާނުން ތެޔޮ ގަތުން ކުރިއަށް ގެންގޮސްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists