ޕެރަ ސްޕޯޓްސް ކްލަބްގެ އަހަރީ ދުވަސް ފާހަގަކުރުމާއި، މި އަހަރު ކާމިޔާބުކަމާއެކު ބޭއްވުނު "ބްލައިންޑް ފޯލްޑް ރަން" ގެ ކާމިޔާބީ ފާހަގަކޮށް، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ އަހަރީ އެއްވުމެއް ބާއްވައިފިއެވެ. މިއީ މިފަދަ އެއްވުމެއް އެ ކްލަބުން ބޭއްވި 5 ވަނަ އަހަރެވެ.
މި އެއްވުމުގައި ކްލަބުގެ ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނާއި، ލޯފަން އެތުލީޓުންނަށް އެކި ދުވަސްވަރު އެހީތެރިކަން ފޯރުކޮށްދިން ގައިޑް ރަނަރުންނާއި އަދި "ބްލައިންޑް ފޯލްޑް ރަން" ގެ ޕާޓްނަރުން ހިމެނޭހެން ޖުމްލަ 50 މީހުން ބައިވެރިވެފައިވެއެވެ.
މި ހަފްލާގެ ތެރެއިން "ބްލައިންޑް ފޯލްޑް ރަން 2026" ގެ ޕާޓްނަރުންނަށާއި، ކްލަބުގެ އެތުލީޓުންނަށް އެހީތެރިވެދިން ގައިޑް ރަނަރުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. މި ރަންގެ މީޑިއާ ޕާޓްނަރަކީ ”ވޮއިސް“ އެވެ.
މީގެއިތުރުން ކްލަބަށް އެކި ގޮތްގޮތުން އެހީތެރިވެދިން ވޮލަންޓިއަރުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމާއި، ކްލަބުގެ އަހަރީ ދުވަހުގެ ޚާއްޞަ ކޭކު ފެޅުންވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.
ޕެރަ ސްޕޯޓްސް އިން ބުނީ، އެ ކްލަބުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކްލަބުގެ އެދުމަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ކުދިންނާއި ފަރާތްތަކުން ކުރިއަށް އޮތް ތަނުގައި މި ކްލަބުގެ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެ، މުޖުތަމަޢުގައި ކުރިއަރައި ދިއުން ކަމަށްވެސް އެ ކްލަބުން ވަނީ ފާހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists