މިހާރު ކުރިއަށްދާ އައި.އެމް.އެފްގެ ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރުގެ މާރިޗު މަހަށް ހަމަވުމުން، އެ ޕްރޮގްރާމުން ސްރީލަންކާ ވަކިވާނެ ކަމަށް އެ ގައުމުގެ ދަތުރުފަތުރާ ބެހޭ މިނިސްޓަރު ބިމާލް ރަތުނަޔަކަ ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ބިމާލް ވިދާޅުވީ، ހަތަރު އަހަރުގެ ދުވަހުގެ މި އެއްބަސްވުން ނިމުމަކަށް އައުމަށްފަހު، ދަރަނި އަލުން ތަރުތީބުކުރުމަށްޓަކައި އައި.އެމް.އެފްގެ އިތުރު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެ ކަމަށް ސަރުކާރަށް މިވަގުތު ގަބޫލުނުކުރެވޭ ކަމަށެވެ.
އެހެންނަމަވެސް، ދުނިޔޭގެ އިގްތިސާދީ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ ގައުމެއްގެ ހައިސިއްޔަތުން، އައި.އެމް.އެފް އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ އިދާރާތަކާއެކު އޮންނަ އާންމު ގުޅުންތައް ގައުމަށް ފައިދާހުރި ގޮތެއްގައި ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ބިމާލް ވަނީ ކުރީގެ ސަރުކާރުން ދަރަނި ރީސްޓްރަކްޗަރ ކުރުމުގައި އެއްބަސްވެފައިވާ ބައެއް އުސޫލުތަކަށް ފާޑުވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް، ގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރަކުން ދަރަނި އަނބުރާ ދައްކަންޖެހޭ މިންވަރު އިތުރުވާ ގޮތަށް އޮތް އޮތުމަކީ، އިގްތިސާދީ ކުރިއެރުމުގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޮތް ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ނުރަނގަޅު އަސަރުތައް ކުޑަކުރުމަށްޓަކައި މާލީ ބާޒާރުގައި ހުރި ފުރުސަތުތައް ސަރުކާރުން ދިރާސާކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ އީ.އެފ.އެފް ޕްރޮގްރާމަކީ 2023 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މީގެ އިތުރުން، އައި.އެމް.އެފް އިން ހާމަކޮށްފައިވާ ގޮތުގައި، މިހާރުގެ ޕްރޮގްރާމްގެ ހަތްވަނަ ރިވިއުއާ ގުޅޭ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި ޕްރޮގްރާމަށްފަހު އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ މެދު ގޮތް ނިންމާނީ ލަންކާ ސަރުކާރުން ކަމަށް އައި.އެމް.އެފް އިން ވަނީ ބުނެފައެވެ.
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists