ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އަށް ރަށެއްގައި އެފްއެސްއެމްގެ ފިއުލް ޝެޑް ބަހައްޓައި ޚިދުމަތްދޭން ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އަށް އަތޮޅެއްގައި ޝެޑްތައް ގާއިމްކުރެވިފައިވާކަމަށެވެ.
ސިޓީތައް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ފެށުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ ޚާއްޞަކޮށް މަސްވެރިންނާއި ސިނާޢީ މަސައްކަތްތެރިން ހަކަތައަށް ކުރާ ހޭދަ ކުޑަވެ ތެޔޮ ހޯދުމަށް ދިގު ދަތުރުތައް ކުރަން ނުޖެހި ވަގުތާއި ފައިސާ ސަލާމަތްވާނެ މުހިންމު ފިޔަވަޅެކެވެ.
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
ގިނަ އަތޮޅުތަކުގައި މިހާތަނަށް ތެޔޮ ވިއްކަމުން އައީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ ޢާންމު ރޭޓަށް ވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ދައްޗެކެވެ. އެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން 18 ރަށެއްގައި ފިއުލް ސްކިޑް ބެހެއްޓުމުގެ މަޝްރޫޢު ސަރުކާރުން އިފްތިތާޙުކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި އަހަރު ތެރޭގައި އިތުރު ރަށްތަކުގެ ފިއުލް ސްޓޭޝަންތައް ނިންމައި ޚިދުމަތް ދޭން ފެށުމަށް ވަނީ ރާވައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists