ނުރައްކާތެރި ކުށްތަކުގައި ޝާމިލުވާ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ވައިގެ މަގުން ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުތަކާއި އެ އުޅަނދުތަކުގައި ތިބޭ ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސާކުރުމާ ބެހޭ ގަވައިދެއް އެ އިދާރާއިން އެކުލަވައިލައިފިއެވެ.
މި ގަވައިދު ހެދީ އިމިގްރޭޝަންގެ ޤާނޫނާއި ވައިގެ ދަތުރުފަތުރާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް ކަމަށް ގެޒެޓުގައި ބަޔާންކޮށްފައިވެއެވެ. ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުމެވެ. މީގެ އިތުރުން, ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ދަތުރުވެރީންގެ މަޢުލޫމާތު އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ އިޖުރާޢަތު ކަނޑައެޅުމަކީ ވެސް ގަވައިދުގެ މަޤުޞަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ގަވައިދު ހިނގާ ފަރާތްތަކުގެ ތެރޭގައި ވައިގެ އުޅަނދުގެ މިލްކުވެރީންނާއި ޗާޓަރުކުރާ ފަރާތްތަކާއި އޭޖެންޓުންނާއި ކެޕްޓަނުން އަދި އުޅަނދާ މެދު ޒިންމާ އުފުލާ އެންމެހައި ފަރާތްތައް ހިމެނެއެވެ. ގަވައިދުގެ ދަށުން ހިއްސާކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ބޯޓުގެ ތަފްސީލާއި ފުރާ ދުވަހާއި ވަގުތާއި ޖައްސާ ދުވަހާއި ގަޑީގެ އިތުރުން ފަސިންޖަރުންގެ ޢަދަދު ހިމެނެއެވެ. އެއާ އެކު ކޮންމެ ފަސިންޖަރެއްގެ ނަމާއި ޖިންސާއި ޤައުމާއި ޕާސްޕޯޓު ނަންބަރާއި ސީޓު ނަންބަރާއި ދާގީނާގެ ތަފްސީލާއި ވިސާ މަޢުލޫމާތާއި ދާއިމީ އެޑްރެހާއި ދާ މަންޒިލުގެ އެޑްރެސް ވެސް ފޯރުކޮށްދޭންޖެހެއެވެ.
އެ މަޢުލޫމާތު ހިއްސާކުރާނީ އިމިގްރޭޝަނާއި ކަސްޓަމްސް އާ ކަމަށާއި ޓެރަރިޒަމާ ގުޅުން ހުރި ޙާލަތެއް ނަމަ ކަމާ ބެހޭ އިންޓެލިޖެންސް އިދާރާއަކާ ވެސް މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ. ގަވައިދާ ޚިލާފުވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ އިރު ލިބޭ މަޢުލޫމާތުގެ ސިއްރުކަން ހިފެހެއްޓުން އިމިގްރޭޝަންގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.
މީގެ ކުރިން މިގޮތަށް ފަސެންޖަރުގެ މައުލޫމާތު ފޮނުވަން ޖެހެނީ މޯލްޑިވްސް ކަސްޓަމްސްއަށެވެ. ދަތުރުގެ ކުރިން ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް އަންގަންޖެހޭ ގޮތަށް ގެނައި ބަދަލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists