ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. އެއީ ދެން ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދިއުމަށްވެސް ބައިސްކަލް ބޭނުންކުރެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ.
ނެދަލެންޑްސް އާއި ޑެންމާކް ފާހަގަކުރެވެނީ ބައިސްކަލު ދުއްވާ މީހުން އެންމެ ގިނަ ޤައުމުތަކުގެ ގޮތުގައެވެ. މީގެ ތެރެއިން ޑެންމާކަކީ އެންމެގިނައިން މީހުން ބައިސްކަލް ދުއްވާ އެއް ޤައުމެވެ. އެޤައުމުގެ އެންމ ެބޮޑު ސިޓީ، ކޯޕަންހޭގަންގައި ދިރިއުޅެމުންދާ 60 އިންސައްތަ މީހުން އެކި ބޭނުންތަކަށް ދަތުރުކުރުމުގައި ބައިސްކަލް ބޭނުންކުރެއެވެ. ޝާހީ ބޭފުޅުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރިން މިކަމުގައި އުޅެނީ އެންމެ ކުރީގައެވެ. ޑެންމާކްގެ އިންފްރާސްޓަކްޗަތައްވެސް ގާއިމްކުރުމުގައި ބައިސްކަލް ދުއްވާ މީހުންނަށް އިސްކަންދީފައި ވެއެވެ. ބައިސްކަލް ދުއްވާ މީހުންނަށް ހާއްސަ ބްރިޖްތަކާއި ޓްރެފިކް ލައިޓްތައް ވަނީ ގާއިމްކޮށްފައެވެ.
ނެދަލެންޑަކީވެސް ހަމަ އެބީދައިން ބައިސްކަލް ދުއްވާމީހުންނަށް އިސްކަންދޭ ޤައުމެކެވެ. ނެދަލެންޑްސް އާއި ޑެންމާކްގައި ބައިސްކަލު ދުއްވުމަކީ ކުޑައިރުން ފެށިގެން ދިރިއުޅުމުގެ ބައެކެވެ. ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް އެލެގްޒެންޑާ އާއި ރާނީ މެކްސީމާ ވެސް ބައިސްކަލު ދުއްވައެވެ. މި ޤައުމުތަކުގައި ބައިސްކަލު ދުއްވުމަކީ ހައިބަތު ކުޑަ ކަމެއް ނޫނެވެ. އެއީ ބުއްދިވެރި ޒިންމާދާރު ޚިޔާރެކެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް ބައިސްކަލު ދުއްވަނީ؛ ފޮޓޯ / ޓެލެގްރާފް
ބައިސްކަލު ދުއްވުމުން ހަށިގަނޑަށް ލިބޭ ފައިދާ ވަރަށް ބޮޑެވެ. ފިންލެންޑުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު 30 މިނެޓަށްވުރެ ގިނައިރު ބައިސްކަލު ދުއްވި މީހުންނަށް ހަކުރު ބައްޔާ ކުރިމަތިވުމުގެ ނުރައްކާ 40 އިންސައްތަ ކުޑަވެއެވެ. ބައިސްކަލުގައި އޮފީހަށް ދިއުމަކީ ކެންސަރު ޖެހުމުގެ ނުރައްކާ 45 އިންސައްތަ އަދި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 46 އިންސައްތަ ދަށްކޮށްދޭ ކަމެއް ކަމަށް ސައިކްލިން ޔޫކޭ ރިޕޯޓުކޮށްފައިވެއެވެ. ބައިސްކަލު ދުއްވުމުން ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ވެސް ރަނގަޅުވެއެވެ. ސްޓްރެސް، ހާސްވުން އަދި ޑިޕްރެޝަން ފަދަ ކަންކަން ކުޑަކޮށްދެއެވެ. ހަފުތާއަކު ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދު ބައިސްކަލު ދުއްވައިލުމުން ވެސް ޞިއްޙަތަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބެއެވެ.
ބައިސްކަލު ދުއްވުމުން ހަށިގަނޑަށް ލިބޭ ފައިދާ؛ ފޮޓޯ / ޔޫސީއެލްއޭ ޓްރާންސްޕޮޓޭޝަން
ބައިސްލަކް ދުއްވުމުން ޖީބަށް ވެސް ލުއިވެއެވެ. ބައިސްކަލުގައި ތެލެއް ނާޅާނެއެވެ. ޕާކިން ފީއެއް ދައްކާކަށެއް ނުޖެހެއެވެ. މަރާމާތަށް ހިނގާ ޚަރަދު ވެސް ވަރަށް ކުޑައެވެ. ބައިސްކަލެއް ގެންގުޅުމުގެ ޚަރަދު ކާރެއް ގެންގުޅުމާ އަޅައިބަލާއިރު ވަރަށް ބޮޑުތަނުން ކުޑައެވެ. އެމެރިކާގައި ކާރެއް ގެންގުޅެން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 12,000 ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގައެވެ. ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ޤައުމެއްގައި ކައިރި ތަންތަނަށް ދާން ބައިސްކަލެއް ބޭނުންކުރުމުން ސައިކަލަށް ތެޔޮ އެޅުމާއި މަރާމާތުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވެއެވެ.
ކާރެއްގެ ޑޭޝްބޯޑު؛ ފޮޓޯ / އައިރިޝް އެގްޒަމިނާރ
ތިމާ ވަށައިެގންވާ ވެއްޓަށް ބެލިނަމަވެސް ބައިސްކަލަކީ އެންމެ ރައްކާތެރި ދަތުރުފަތުރުގެ ވަސީލަތެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެއް ފަހަރު ކާރު ދޫކޮށް ބައިސްކަލު ނެގުމުން ދަތުރުފަތުރާ ގުޅޭ ކާބަން އެމިޝަން 67 އިންސައްތަ މަދުކުރެވެއެވެ. ބައެއް ދިރާސާތައް ބުނާ ގޮތުގައި ސިޓީތައް ނެޓް ޒީރޯ ލަނޑުދަނޑިއަށް ވާޞިލުވުމުގައި ބައިސްކަލު ދުއްވުން ކަރަންޓް ކާރަށްވުރެ 10 ގުނަ ބޮޑު ދައުރެއް އަދާކުރެއެވެ. ރާއްޖެ ފަދަ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ބޮޑު ޤައުމަކަށް މިއީ ވިސްނައިލަންޖެހޭ ކަމެކެވެ.
ބައިސްކަލު ދުއްވާ މަންޒަރު؛ ފޮޓޯ / ކުއީންސްލޭންޑް ސަރުކާރު
ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ބައިސްކަލާ ގުޅިފައި އޮންނަ "ފަޤީރުންގެ ވެހިކަލް" ގެ ލޭބަލް ވެފައި އޮންނަނީ ބައިސްކަލު ބޭނުންކުރުން ފުޅާކުރުމަށް އޮތް ހުރަހަކަށެވެ. ނަމަވެސް ޕާކިސްތާނުގެ ޔުނިވާސިޓީއެއްގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މި ލޭބަލް އޮތެއް ކަމަކު، އެކަމުގެ ސަބަބުން މީހުން ބައިސްކަލު ދުއްވަން ބޭނުންވާ މިންވަރު ދަށެއް ނުވެއެވެ. ލަދުގެ އިޙުސާސް ގިނަ ފަހަރަށް ގުޅިފައި ވަނީ ޙަޤީޤީ ތަޖުރިބާއަށް ވުރެ ބޮޑަށް ވަށައިގެންވާ މީހުންގެ ނުބައި ވިސްނުމާއެވެ.
ވިސްނައިލާށެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ބޮޑުވަޒީރުންނާއި ރަސްރަސްކަލުން ބައިސްކަލު ދުއްވައެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އެއް ބިލިއަން މީހުން ބައިސްކަލު ދުއްވައެވެ. ބައިސްކަލު ދުއްވުމަކީ ފަޤީރުކަމުގެ ޢަލާމާތެއް ނޫނެވެ. އެއީ ބުއްދިވެރިކަމާއި ޞިއްޙީ ހޭލުންތެރިކަމާއި ވެށްޓަށް ކުރާ އިޙުތިރާމުގެ ނިޝާނެކެވެ. ތިބާ ބައިސްކަލެއް ދުއްވާ ތަން ފެނުމުން ލަދުގަންނަންވީ ތިބާއެއް ނޫނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists