އެފްއޭއެމުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އަނބުރާ ދައްކަން ޖެހިފައި އޮތް 253،030 ޑޮލަރު (3.9 މިލިއަން ރުފިޔާ) ގެ ދަރަނި އެ ޖަމިއްޔާއިން މާފުކޮށް، ރާއްޖެއާ ދެކޮޅަށް އެޅި މާލީ ފިޔަވަޅު މިއަދު އުވާލައިފިއެވެ.
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
ރާއްޖެއިން އެ ދަރަނި މާފުކޮށްދިނުމަށް އެދުމާ ގުޅިގެން އޭއެފްސީން އެ ނިންމުން ބާތިލްކުރީ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ. މި ސަސްޕެންޝަން އުވައިލުމާ އެކު އަންނަ އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް ރާއްޖެއަށް ކުރިމަތިލެވޭނެއެވެ.
މި ނިންމުމަކީ ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކޮށް މާލީގޮތުން ހަމަމަގަށް އަޅުވައި ކުރިއަށް އޮތް ތަނުގައި އޭއެފްސީގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަން އެފްއޭއެމްގެ ބަޔާނުގައިވެއެވެ.
ބައްސާމްގެ ކޮރަޕްޝަނުގެ ބައެއް މައްސަލަތައް ޝަރީޢަތަށް ސާބިތުވެ ޖަލު ޙުކުމް އައިސްފައިވާ އިރު، އިތުރު މައްސަލަތަކެއްގެ ޝަރީޢަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists