މާލެ ސަރަޙައްދުގެ މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 32 އަހަރުގެ ފިރިހެނަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
އެ ތުހުމަތު ބާރުދޭ ހެކީގެ ތެރޭގައި ކުށުގެ ވެށީގެ ފުލުހެއްގެ ބަޔާނާއި ހާދިސާ ރިޕޯޓަކާއި މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއް ހިމެނެއެވެ. އޭގެ އިތުރުން, ހައްޔަރުކުރި ވަގުތު ނައުޝާދު ލައިގެން ހުރި އަންނައުނު ދައްކުވައިދޭ ފޮޓޯ ސެޓެއް ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައިވެއެވެ.
ނައުޝާދުގެ ހައްޔަރު އަދި ބަންދު ލޮގަށް ބެލުމުން އޭނާއަކީ މިފަދަ ކުށްތައް ކޮށް އުޅޭ އެހެން ބާވަތުގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެއްކަން ސާފުވާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. ދޫކޮށްލައިފި ނަމަ ހަމަ އެ ކުށް އަލުން ތަކުރާރުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ކޯޓުން ނިންމާފައިވެއެވެ. މި މައްސަލައިގައި ނައުޝާދު ކުރިން ވެސް މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖެހިއެވެ.
މިސްކިންތަކަށް ގެއްލުންދިންކަމުގެ މައްސަލާގައި ނައުޝާދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއިރު، އޭނާ ވަނީ މިފަހުން ފުރުޤާން މިސްކިތުގެ އެތެރެއަށާއި މިސްކިތުގެ ވުޟޫކުރާ ބަޔަށް ބޮޑުކަމުގޮސްފައެވެ.
ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަޅުކަންކުރާ ތަނަކަށް ގެއްލުން ދިނުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށެއްގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. އެހެން ނަމަވެސް, ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ރިޢާޔަތްކޮށް ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ވެސް އެ އަދަބު އިތުރުވެދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists