ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަށާޖެހޭ ގޮތެއްގައި އެހީތެރިކަން ދިނުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޚާއްޞަ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށް ޞިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މި މަރުކަޒުތައް ޤާއިމުކުރާނީ އައްޑޫ ސިޓީ ހުޅުމާލެ އަދި ރ. އުނގޫފާރުގައި ކަމަށެވެ.
އެ ތިން ތަނުގެ ތެރެއިން އައްޑޫގައި ހަދާ މަރުކަޒުގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. އައްޑޫގެ މަޝްރޫޢު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ސްޓްރެންތެނިންގ ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އެހީވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް އެ ތަންތަނުގައި ހިންގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމީހުނަށް ބޭނުންވާ އެހީއާއި ރައްކާތެރިކަމާއި މާލީ އެހީވެސް ދޭނެ
މިނިސްޓަރު ގީލާ
މިނިސްޓަރު ވިދާޅުވީ މާލީ އެހީދިނުމުގެ އިތުރުން ދަރިން ތިބިނަމަ އެ ކުދިންގެ ސްކޫލްގެ ކަންކަން ހަމަޖެއްސުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަ ހުށަހެޅިއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ވެސް 236 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެންމެ ގިނައިން މައްސަލަ ހުށަހެޅެނީ މާލެ ސަރަޙައްދުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists