ހައުސިން ވުޒާރާގެ ރަސްމީ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ލޮކަރުތަކެއް އޮންނަ އުސޫލާ ޚިލާފަށް ހުޅުވާފައި ހުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
ހުޅުވާފައި ހުރި ކަމަށް ބުނާ ލޮކަރުތަކުގައި ރައްކާކޮށްފައި ހުރީ ކޮން ބާވަތެއްގެ ލިޔެކިޔުންތަކެއް ކަމެއް އެ ވުޒާރާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ އިތުރަށް ބަލާނެ ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ވުޒާރާއަކީ ރާއްޖޭގެ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމާ ހަވާލުވެފައި އޮތް އިދާރާއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު ތިން ވުޒާރާއެއް ހިންގި އިމާރާތްތަކުގައި ރޯވި ހާދިސާގައި ހައުސިން ވުޒާރާ ވެސް ހިމެނުނެވެ. އެ ހާދިސާއާ ގުޅިގެން ބޯހިޔާވަހިކަމާ ގުޅޭ މުހިންމު ލިޔެކިޔުންތައް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު އެ ހާދިސާއަށް ފަހު އެ ވުޒާރާ ހިންގަމުން ގެންދަނީ ދަރުބާރުގޭގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists