ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 24 ވަނަ ދުވަހު ބޭއްވި މި ވޯކްޝޮޕް ރޭވީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ކައުންސިލާއި ސްކޫލް އަދި ރަށުގެ އެހެން މުއައްސަސާތައް ގުޅިގެންނެވެ. ވޯކްޝޮޕްގައި ބައިވެރިވީ ނޭކުރެންދޫ ސްކޫލުގެ ގުރޭޑު ހައެއް އިން މަތީ ކިޔަވާ ކުދިންނާއި ބެލެނިވެރިންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ޢާންމު ރައްޔިތުންނެވެ.
ދަރިވަރުންނަށް ޚާއްޞަ ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލީ ޒާތީ މަޢުލޫމާތު ހިމާޔަތްކުރާނެ އުކުޅުތަކާއި ވަރުގަދަ ޕާސްވޯޑެއް ބެހެއްޓުމުގެ ބޭނުންތެރިކަމުގެ މައްޗަށެވެ. މައިންބަފައިން ނޫން އެހެން ފަރާތަކާ ޕާސްވޯޑު ހިއްސާ ނުކުރުމަށާއި އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ މުޢާމަލާތު ނުކުރުމަށާއި ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތައް ނުހުޅުވުމަށް ވެސް އެ ސެޝަނުގައި ނަސޭހަތްތެރިވެފައިވެއެވެ.
ހަމައެއާ އެކު ދަރިވަރުންގެ އަގު ވެއްޓޭ ފަދަ އެއްވެސް ކަމެއް އޮންލައިންކޮށް ނުކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ. ބެލެނިވެރިންނާއި ރައްޔިތުންނާއި މުވައްޒަފުންނަށް ބޭއްވި ސެޝަނުގައި ވެސް އީމެއިލް ފަދަ ޕްލެޓްފޯމުތަކުގައި ރައްކާތެރި ޕާސްވޯޑް ބެހެއްޓުމާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. ސްކޭމް ފަދަ ކުށްތަކުން ސަލާމަތްވެ ތިބުމަށާއި މީސްމީޑިއާ ބޭނުންކުރާ އިރު އިތުރަށް ސަމާލުވުމަށް ވެސް އެ ސެޝަނުގައި ބާރު އަޅައިފައިވެއެވެ.މި ވޯކްޝޮޕަކީ ރައްކާތެރި އިންޓަނެޓް މާޙައުލެއް ބިނާކުރުމާއި ކުށް މަދު މުޖުތަމަޢެއް ހެދުމަށް ފުލުހުން ކުރާ ހޭލުންތެރިކުރުވުމުގެ މަސައްކަތުގެ ބައެކެވެ.
އިންޓަރނެޓް މެދުވެރިކޮށް ސްކޭމްތައް ހިންގާ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނައިރު އަހަރުގެ މިހާތަނަށް 1500 އަށްވުތެ ގިނަ މީހުން ތަފާތުއެކިއެކި ސްކޭމްތަކުގެ ޝިކާރައަކަށް ވެފައިވާކަމަށް ފުލުހުން ފާހަގަކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists