އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އޭނާ ވިދާޅުވީ، އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ކުރީން ފެނަކައިގެން ދަށުން އެ ސިޓީތަކުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސަައްކަތް އެމްޑަބްލިޔުއެސްސީގެ ދަށަށް ގެނައުމުގެ މަސައްކަތް ނިންމައި އެ ކުންފުނިން ޚިދުމަތްދޭން ފަށާނެ ކަމަށެވެ.
އަދި މިއީ ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އަދި ސްޓެލްކޯއާ ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމުގެ ދަށުން ކުރިއަށްދާކަމެއް ކަންވެސް ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކައިގެ އެމްޑީ މުޙައްމަދު އަފީފް ޙުސައިން ވިދާޅުވީ، އެ ކުންފުނީގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ކުންފުނިވެސް ގުޅިގެން އެކުއެކީގައި ކަމަށެވެ.
އަދި އެ ވެވުނު އެއްބަސްވުމުގެ ދަށުން ސައިޓްތަކަށް ޒިޔާރަތްކޮށް، ސައިޓްތައް ބަލައި ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަންވެސް އޭނާ ފާހަގަލުރެއްވިއެވެ.
މިހާރަށްވުރެވެސް ރަނގަޅަށް ފެނަކައިން އެ ދިން ޚިދުމަތްތައް އެމްޑަބްލިޔުއެސްސީން ދޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ. ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެން މިތިބީ ތައްޔާރަށް
މުޙައްމަދު އަފީފް ޙުސައިން
އެމްޑީ ވިދާޅުވީ، ގެނެވޭ ބަދަލާއެކު މިހާރަށްވުރެވެސް ބޮޑު ފަސޭހައެއް ރައްޔޮތުންނަށް ލިބިގެން ދާނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists