ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމުގެ ގޮތުން އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމަށް އަމާޒުކޮށް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.
"މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ގެ ނަމުގައި ބާއްވާ މި ބައްދަލުވުން ހިންގަނީ "ސްޓްރޯންގް" (STRONGG) މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.
މި ބައްދަލުވުމުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސައިން ލެންގުއޭޖް ތަރުޖަމާނުންނާއި ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ބައިވެރިވެއެވެ.
މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަޢުލޫމާތާއި ޚިދުމަތްތައް ލިބިގަތުމުގެ ފުރުޞަތު ފުޅާކޮށްދިނުމެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ތަފްޞީލު ޙިއްޞާކުރައްވައިފައެވެ.
އެ ގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށް އޮންލައިން ސައިން ލެންގުއޭޖް ޕްރޮގްރާމެއް ފަރުމާކޮށް ހުޅުވައިލައިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ސައިން ލެންގުއޭޖް ތަމްރީނުތައް ކުރިއަށް ގެންދާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް ވަޒީފާގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން "އެމްޕަވަރމަންޓް ހަބް" އެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ގީލާ ވިދާޅުވީ ދައުލަތުގެ ޚިދުމަތްތައް ދިނުމުގައި ސައިން ލެންގުއޭޖް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
ހަމައެއާ އެކު މި ދާއިރާއިން ލިބެމުންދާ އެހީތެރިކަމަށްޓަކައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists