ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކާރިސީ ޙާލަތު އިޢުލާނުކޮށްފައިވާއިރު، އެ ޤައުމުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި އަދި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިގެން ރިޕޯޓުކޮށްފައި ނުވާ ކަމަށް ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިގެން އެމްބަސީއަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ވަނީ 50 އިދާރީ ދާއިރާއެއް ކާރިސީ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މެދުނުކެނޑި ވެހުނު ވާރެއާ ގުޅިގެން ބެންކޮކުގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަހުގެ 1 އިން 25 އާ ދެމެދު ބެންކޮކަށް 487 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މިއީ އާދަޔާ ޚިލާފަށް ގިނަ ޢަދަދެއް ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. ދިވެހި އެމްބަސީން ވަނީ ބެންކޮކުގައި ތިބި ދިވެހިންގެ ތެރެއިން އެހީތެރިކަމެއް ބޭނުންވާ ފަރާތެއް ވާނަމަ އެމްބަސީގެ ހޮޓްލައިން ނަންބަރު 66967788885+ އަށް ގުޅައި އެންގުމަށް އިލްތިމާސްކޮށްފައެވެ.
ތައިލެންޑުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރަށް ވިއްސާރަވެ ކޯރުތައް ފުރި ބަންޑުންވުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދީފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists