ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށާއި ކުރިއަށްދާނެ ދާއިރާ ޚިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ މުހިއްމު މަރުޙަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު މިއަދު ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، މިއަހަރު އެ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި އެކުދިންގެ ޢާއިލާތަކަށާއި މަދުރަސާތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ވިދާޅުވީ، ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައި އަދި ވަކީން ޚާއްޞަކޮށް، މަތީ ތަޢުލީމު އުނގެނޭނެ ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި، މަތީ ސާނަވީ އިމްތިޙާނަކީ މުހިންމު މަރުޙަލާއެއް ކަމަށެވެ.
އިރާދަކުރެއްވިއްޔާ، މި އިމްތިޙާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ. މާތްاللهގެ ހެޔޮ ރަޙްމަތްފުޅާއެކު، މި އިމްތިޙާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަޚުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދީން ޤައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރަން.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނުގައި 53 ސެންޓަރަކުން 4973 ދަރިވަރުން އޭލެވެލް އިމްތިޙާނު އަދި 2263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި 3284 ދަރިވަރުން އިމްތިހާނު ހަދާއިރު، އަތޮޅުތަކުގެ ރަށްތަކުގެ 49 ސެންޓަރުގައި 1689 ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާނެއެވެ.
މީގެ އިތުރުން މިހާރު އޭ ލެވެލް އިމްތިހާނުވެސް ފެށިގެން ކުރިއަށް ދާއިރު. އޯލެވެލް އިމްތިޙާނު ނިމޭނީ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އަދި މިއަދު ފެށުނު އޭލެވެލް އިމްތިޙާނު އަންނަ އޮކްޓޯބަރު މަހުގެ 30 ހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists