ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަޤްބޫލު މަންޒިލަކަށް ހެދުމުގައި ބައިވެރިވި ރައްޔިތުންނަށާއި، މުޖުތަމަޢުތަކަށާއި، މި ސިނާޢަތުގެ އެންމެހައި ބައިވެރިންނަށް ތަހުނިޔާއާއި ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަކީ ރާއްޖޭގެ ތަރައްޤީއާއި ބައިނަލްއަޤްވާމީ ގުޅުންތަކުގެ މައިގަނޑު ބާރެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން މި ސިނާޢަތަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، އެ ބަދަލުތަކަށް ހޭނި، އާ އީޖާދުތައް ތަޢާރަފުކޮށް، އިސްނަގައިގެން ކުރިއަށްދާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޑިޖިޓަލް ޒަމާނުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމާއެކު، ދިވެހިރާއްޖެއަށް ޚާއްޞަވެގެންވާ ޤުދުރަތީ ރީތިކަމާއި، ސަޤާފީ އަމިއްލަވަންތަކަމާއި، އަދި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ އެދިވަޑައިގެންފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists