ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
އެކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ޔަގީންކޮށްދީފަ އެވެ. ޝިފާއު މިނިވަން ކުރި ކަަމަށް އިއްޔެއިން ފެށިގެން ދިޔައީ ވާހަކަ ދެކެވެމުންނެވެ.
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްްޓަރު ވިދާޅުވީ ޖަލުގައި ހުންނަ މީހަކު ވަގުތީ ގޮތުން ގެއަށް ބަދަލުކުރަން ޖެހޭ ހާލަތެއްވާ ކަމަށެވެ. އެގޮތުން ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ޝިފާއުއަށް ފުރުސަތު ދިނީވެސް އެ އުސޫލުން ކަމަށް ވިދާޅުވި އެވެ. އޭނާ ގެ ބަންދަށް ބަަދަލުކުރީ ބޭސްފަރުވާއަށް ކަމަށާ ބޭސްފަރުވާއަށް ގޭ ބަންދަށް ބަދަލުކުރީ މަސް ދުވަހަށް ކަމަށެވެ. އަދި އެފަދަ މީހުން ފުރިހަމައަށް މޮނިޓާ ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
"އަޅުގަނޑުމެން ޔަގީންކޮށް އަރުވަން މިފަދަ އެއްވެސް ފަރާތެއް މުޖްތަމައުގައި ނުވަތަ ގޭ ބަންދުގައި ނުވަތަ މެޑިކަލީ މިގޮތަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ގޭގައި ބައިތިއްބާފައިތިބޭއިރު އަަޅުގަނޑުމެން މޮނިޓާކުރާނެ އެ މީހެއްގެ ފަރާތުން މުޖްތަމައުއަށް އެއްވެސް ނުރައްކަލެއް ނުވާނެ ކަން. އަދި އޭނާއަށް ދީފައިވާ ކޮންޑިޝަންތަކާއި ހިލާފުވެއްޖެނަމަ ވަގުތުން ޖަލަށް ގެންދާނެ،" މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.
މީނާ އަކީ ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގެ 23 މައްސަލައެއް ސާބިތުވެ 109 އަހަރަށް ޖަލަށް ލުމަށާއި ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލަތަކުގައި ހިމެނޭ 123،844.54 އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިންނަމަ 1،909،682 ރުފިޔާ ދެެއްކުމަށްވެސް އަމުރުކޮށްފައިވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists