ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މައްސަލަ ބައްލަވާ ޤާޒީ ޢަލީ ނަދީމް މި ނިންމެވުން ނެރުއްވީ ދެ ފަރާތުން ވެސް އެއް ފަރާތެއްގެ ހެކިތައް ބޭރުކޮށްދިނުމަށް އެދިފައި އޮތް ދަނޑިވަޅެއްގައެވެ. ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާޢީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުން އެދުނީ ތަޙުޤީޤު މަރުޙަލާގައި އެ ހެކިތައް ހާމަނުކޮށް ހަނު ހުންނެވި ކަމަށް ބުނެއެވެ. ނަމަވެސް ޤާޒީ ވިދާޅުވީ ދައުލަތުން ފާހަގަކުރި ނުކުތާއަކީ ހެކީންގެ ބަހަށް ބުރަދަން ދިނުމާ ގުޅޭ ކަމެއް ކަމަށާއި، އެ ކަމަކީ ހެކިބަސް ނެގުމަށް ފަހު ޝަރީޢަތުން ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ.
ހަމައެފަދައިން ދިފާޢީ ފަރާތުން ވެސް ވަނީ ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަދީބާއި ޒިޔަތުގެ ތެދުވެރިކަމާ މެދު ސުވާލު އުފައްދައި، އެ ދެ ބޭފުޅުންގެ ހެކިބަސް ބޭރުކޮށްދިނުމަށް އެދިފައެވެ. ޤާޒީ ނިންމެވީ މައްސަލައިގެ ވާޤިޢާތަކާ ގުޅޭ ގޮތުން ކާފީ ހެކިބަހެއް ދެވެން ތިބީ އެ ދެ ބޭފުޅުން ކަމަށް ވާތީ، ހެއްކާ ބެހޭ ޤާނޫނުން އެ ޖާގަ ލިބޭ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ހެކިންގެ ތެރެއިން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ޤާޒީ ނިންމެވިއެވެ.
ޔާމީންގެ ދިފާޢީ ހެކިންގެ ތެރޭގައި ހިމެނެނީ؛
މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް
ޢަބްދުالله ރަޝީދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
ޑޮލަރު މާރުކުރި ކަން ދައްކައިދޭ ލިޔެކިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.
ޔާމީނާއި މި މައްސަލާގައި ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމް ވިދާޅުވަނީ، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ ޢާންމު މުޢާމަލާތެއް ކަމަށާއި، އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ޔޫސުފް ނަޢީމާ ޙަވާލުކުރެއްވި ކަމަށެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، 2015 ވަނަ އަހަރުގެ އޮގަސްޓު މަހު އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރި ދުވަސްވަރު ޔޫސުފް ނަޢީމުގެ 99 އިންސައްތަ ޙިއްޞާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް އުފައްދައި، ލީޒް އެކުއިޒިޝަން ކޮސްޓަށާއި ޔޫސުފް ނަޢީމަށް ވަކިން ދެ މިލިއަން ޑޮލަރު ދިން ކަމަށެވެ. ފަހުން ޔޫސުފް ނަޢީމުގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، 2015 ސެޕްޓެމްބަރުގައި ޓޫޖީގެ 99 އިންސައްތަ ޙިއްޞާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވެއެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތަކީ ކުރިން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް، ހައި ކޯޓުން އެ ޙުކުމް ބާޠިލްކޮށް އަލުން ބެލުމަށް އެންގެވުމާ ގުޅިގެން ހިންގާ ޝަރީޢަތެކެވެ. މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ވެސް ވަކިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists