ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި، މި ނިންމުން ނިންމާފައިވަނީ ރާއްޖެއަށް ލިބޭ ޙައްޖުގެ ކޯޓާގެ ޢަދަދަށް ބަލާއިރު، ޙައްޖު ކިއުގައި ދޮށީ ޢުމުރުގެ ގިނަ އަދަދެއްގެ ބޭފުޅުން ތިބުމާއެކު،އަދި ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ޙައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އިންތިހާއަށްއޮތުމާއެކު، ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.
މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުالله ޚަލީލް ވިދާޅުވީ، މި އުޞޫލު ތަންފީޒުކުރާނީ، މައުޟޫޢީ ގޮތެއްގައި ޢުމުރަށާއި ކިޔޫއިން ޖާގަލިބުނު ތާރީޚަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުޞޫލަކުން ތަފާތުކުރުމެއްނެތި މައުޟޫޢީ ގޮތެއްގައި ތަންފީޒުކުރާނެ އުޞޫލެއްކަންވެސް ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުޞަތު ލިބި، ޙައްޖު ކިއުގައި ތިބި ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު މަދުވެގެން ދާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. މިއާއެކު، ކުރިއަށް އޮތް ތަނުގައި ޙައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީއެވެ.
އިތުރަށް ތަފްސީލު ދެއްވަމުން ފާހަގަކުރެއްވި ގޮތުގައި، މި އުސޫލުގެ ދަށުން ޙައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023 ގެ ނިޔަލަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ ޢުމުރުފުރާ ކަމުގައި ބަލާނީ، 31 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ.
އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ޙައްޖުން ފުރުޞަތު ލިބިދެވޭނެ ކަމަށާ، މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންނަށް ފުރުޞަތު ލިބިދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ މި އުޞޫލު ތަންފީޒުކުރުމާއެކު، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް މިހާރު އަންދާޒާކޮށްފައިވާ ފުރުސަތަށް ލަސްވުމެއް ނާންނެހެން، 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް މި އަހަރުގެ ކިޔޫގައި އިސްކަންދޭނެ ކަމަށެވެ.
އެހެންކަމުން މި އުޞޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ޙައްޖަށް ދެވޭނެކަމަށް އަންދާޒާކޮށްފައިވާ ޢުމުރުން 65 އަހަރާއި 69 މީހުންނަށް ޙައްޖަށް ދިއުމުގައި ލަސްވުމެއް ކުރިމައްޗެއް ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން އެކުގައި ދިއުމަށް ފައިސާ ދައްކާފައިވާ އަދި 1448 ވަނަ އަހަރު ޙައްޖުވެވޭނެކަމަށް އަންދާޒާކޮށްފައިވާ އާއިލީ މީހުންގެ ތެރެއިން ޙައްޖު ކިއުގައި ތިބި ޢާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމަށް ފުރުޞަތު ނުގެއްލޭނެހެން އިސަކަންދޭނެކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
މި އުސޫލުތަކުގެ ދަށުން ފުރުޞަތު ދެވޭ ހުރިހާ ފަރާތްތަކަކީވެސް، މީގެ ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހުންނަށް ވާންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މިއާއެކު، ކިޔޫގައި ތިބި 65 އަހަރުން ދަށުގެ ބައެއް ބޭފުޅުނަށް އަހަރެއްހާ ދުވަހުގެ ލަސަވުމެއް މެދުވެރިވިނަމަވެސް، މިއީ ޙައްޖުގެ މަތިވެރި އަޅުކަންއަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީޢުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
އަދި މިއީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ ބޭނުން އެންމެ އިންޞާފުވެރި އަދިއެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެއިތުރުން، ޙައްޖު ކިއުގެ އިންތިޒާމުތައް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައިހުރިހާ ޢުމުރުފުރާތަކަށްވެސް ފުރުޞަތުތައް އަވަހަށް ތަނަވަސްވުމަށް މަގުފަހުވާނެ އަދި، މިކަމުގެ ފައިދާ ޢާންމު ގޮތެއްގައި ކިޔޫގައި ތިބި ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists