މަސްތުގެ ހާލަތުގައި ހުރެ، ސައިކަލު މަތީގައި އޮށޯވެ އޮވެ، ނުރައްކާތެރިކޮށް ދުއްވި ކަމުގެ ތުހުމަތުގައި، ހައްޔަރުކުރި 26 އަހަރުގެ އަޙްމަދު ފާރިޘް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރުގައިވާ ގޮތުން، އަޙްމަދު ފާރިޘް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ.
އިސްޤާޟީ އާދަމް މުޙައްމަދު ސޮއިކުރައްވައި ނެރެފައިވާ މި ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަޙްމަދު ފާރިޘް ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ، މިނިވަންވެއްޖެނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.
މި މައްސަލައިގައި ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި، ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓް ރިޕޯޓާއި، އަޙްމަދު ފާރިޘްގެ ބަޔާން ހިމެނެއެވެ.
އިތުރު ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އަޙްމަދު ފާރިޘް ވަނީ ހެލްމެޓް ނާޅައި ބްރިޖް މަތިން ސައިކަލު ދުއްވިކަމަށާއި، ސައިކަލު ދުއްވަން އެރި އިރު ހުރީ މަސްތު ހާލަތުގައި ކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައެވެ. ނަމަވެސް ސައިކަލުގައި އޮށޯވެ އޮވެގެން ދުއްވިކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ފުލުހުން ހުށަހެޅި ބަޔާންތަކުން ދައްކާ ގޮތުގައި، އަޙްމަދު ފާރިޘް ވަނީ ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށާއި، ތަކުރާރުކޮށް ވަންވޭ އާއި ޚިލާފަށްވެސް ދުއްވާފައިވާ ކަމަށެވެ.
ބަންދުގެ އަމުރުގައި ވަނީ މަސްތު ހާލަތުގައި ހުރެ އެއްވެސް އުޅަނދެއް ދުއްވުމަކީ އެ އުޅަނދެއް ދުއްވާ މީހާގެ ފުރާނައާއި އަދި މަގުމަތީގައި އުޅޭ އެހެން މީހުންގެ ފުރާނައަށްވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިކުރުންކަން ފާހަގަކުރައްވާފައެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުން، މި ހާދިސާގައި ފުލުހުންގެ ކާރަށް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. އަދި، އެކްސިޑެންޓަށްފަހު ސައިކަލު ދޫކޮށް އެ ސަރަހައްދުން އޭނާ ފިލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists