ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ވަރަށް މުހިންމު ބޭހެއް ކަމަށްވާ ކްލޯނެޒެޕާމް 0.5mgގެ ސްޓޮކް ހުސްވާން ކައިރިވެފައިވާއިރު ރާއްޖޭގައި މިހާރު ހުރީ މިމަހުގެ ނިޔަލަށް މުއްދަތު ހަމަވާ ބޭސް އެކަނިކަން އެނގިއްޖެއެވެ.
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
މި ބޭހުގެ މިހާރު ހުރި ސްޓޮކް، މި އޮކްޓޯބަރު މަހުގެ ނިޔަލަށް މުއްދަތު ހަމަވާއިރު، މިއީ ކޮންޓްރޯލް ބޭހެއްކަމުން މި ބޭހަކީ އަމިއްލަ ބޭސްފިހާރަތަކުން ނުވިއްކާ ބޭހެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ކްލޯނެޒެޕާމް 0.5mg އަކީ ކޮންޓްރޯލް ކުރެވިފައިވާ ބޭހެކެވެ. މިއީ ނަފްސާނީ ބަލިތަކަށާއި، އޮޓިޒަމް އަދި ހައިޕާ އެކްޓިވް ފަރާތްތަކުގެ ފަރުވާ ދޭން ބޭނުންކުރާ ވަރަށް މުހިންމު ނިދުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭސް ދިގު މުއްދަތަށް ބޭނުންކުރާ ފަރާތްތަކަށް ކުއްލިއަކަށް މި ބޭސް ނުލިބިއްޖެނަމަ ހަށިގަނޑަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރާނެކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ބަލިމީހުންގެ ސިއްހަތަށް ވަރަށް މުހިންމު މިފަދަ ކަމެއްގައި ސްޓޭޓްފާމާއިން ޖަވާބުދާރީ ނުވުމަކީ ބޮޑެތި ކަންބޮޑުވުންތަކެއް އުފައްދާ ކަމެކެވެ.
މިނޫންވެސް އެހެންވެސް ގިނަ ބޭސްތައް ނުލިބޭ މައްސަލަތަކާ ގުޅިގެން ގިނަ ފަރާތްތަކުން މީސްމީޑިއާގެ އެކި މައްސަތަކުގައި ކަންބޮޑުވުން ފާޅުކުރެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists