ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
މި ހަމަލާގައި ޖުމްލަ 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މަރުވި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ދެމީހުން ހިމެނޭކަން އެގައުމުގެ އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް މިނިސްޓްރީން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައިވެއެވެ.
މި ދެމީހުންނަކީ ކުމިއްލާގެ ނަންގަލްކޯޓް އުޕާޒިލާގެ މުފްތީ ނަޞްރުالله ބަދަރުޕޫރީ އާއި ބޮގުރާގެ ޝާހްޖަހާންޕޫރް އުޕާޒިލާގެ މަޑްލާ އަވަށުގެ މުޙައްމަދު ޝާހިދު އަޙްމަދެވެ. ނަޞްރުاللهއަކީ ޑާކާގެ ކަމްރަންގީރުޗާރުގައި ހުންނަ މަދްރަސާއެއްގައި ކިޔަވައިދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަޙްމަދަކީ ސަޢޫދީ އަރަބިއްޔާގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.
ނަޞްރުاللهގެ ބޭބެ ނާޞިރުއްދީން ބުނީ، އުމްރާއަށް ދަތުރުކުރުމަށް ޑާކާއިން ފުރާފައިވަނީ ހޮނިހިރު ދުވަހު ކަމަށާއި، އަނބުރާ އަންނަން ހަމަޖެހިފައި އޮތީ އޮކްޓޯބަރު 24 ގައި ކަމަށެވެ. އޭނާގެ ގްރޫޕުގައި 45 މީހުން ހިމެނުނުއިރު، އޭގެތެރެއިން 32 މީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތްވި ކަމަށާއި، އެކަކުގެ ދެފައި ބުރިވެ، އެތައް ބަޔަކަށް އަނިޔާވި ކަމަށްވެސް ނާޞިރުއްދީން ބުންޏެވެ.
މި ހަމަލާގައި މަރުވި އެހެން މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ފަލަސްޠީނާއި، އެމެރިކާއާއި، މިޞްރާއި، އުރުދުންއާއި، ސީރިޔާ އަދި ސޫދާންގެ ރައްޔިތުން ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists