ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދިން ޓެރަރިސްޓް ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ބައެއް ފަރާތްތައް ޝަހީދުވެ، ބައެއް ފަރާތްތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން މި ހާދިސާ ސިފަކޮށްފައި ވަނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް، ސައުދީ ސަރުކާރުން މިހާތަނަށް ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކެއް ޝަހީދުވިކަމުގެ ރަސްމީ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.
މި ހަމަލާގައި ޖުމްލަ 12 މީހަކު މަރުވެ، 309 މީހުން ވަނީ ޒަހަމްވެފަ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސީރިއާ، ފަލަސްތީނު އަދި ސޫދާނުން ކޮންމެ ގައުމަކުން މީހަކު ހިމެނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists