ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އާއެކު އޮތްކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ހޫތީން ސައުދީއަށް ދިން ހަމަލާއާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މި ބާވަތުގެ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. މި ހަމަލާއަކީ ސައޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ސައޫދީ އަރަބިއްޔާގެ ސަލާމަތާއި އިސްތިގުލާލު ރައްކާތެރިކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ހަމަލާގައި 12 މީހަކު މަރުވެ، 309 މީހުން ޒަހަމުވެފައިވާކަން ފާހަގަކުރަމުްނ ހާރިޖިއްޔާއިން ވަނީ، ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށާއި ސައޫދީ ސަރުކާރަށް އަދި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކޮށްފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީގެ ހަތަރު މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސީރިއާ، ފަލަސްތީނު އަދި ސޫދާނުން ކޮންމެ ގައުމަކުން މީހަކު ހިމެނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists