ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މާލީ އެހީގެ ގޮތުގައި ސެޕްޓެމްބަރު މަހު 59.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފި އެވެ.
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު މާލީ އެހީ ލިބުނީ 15،571 މީހަކަށެވެ. އޮގަސްޓް މަހާ އަޅާ ބަލާއިރު މިއީ ލިބުނު ފައިސާގެ އަދަދާއި އެހީ ލިބުނު މީހުންގެ އަދަދުވެސް އިތުރުވުމެކެވެ. އޮގަސްޓް މަހު 15،498 މީހަކަށް 58.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް ސެޕްޓެމްބަރު މަހު އަލަށް 263 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ އޮގަސްޓް މަހު އަލަށް ރަޖިސްޓްރީ ކުރި 169 މީހުންނާ އަޅައި ބަލާއިރު ފާހަގަކުރެވޭ މިންވަރެއްގެ އިތުރުވުމެކެވެ. މި ބަދަލާ އެކު އެ ދަފުތަރުގައި މިހާރު ޖުމުލަ 15،885 މީހުން ހިމެނެއެވެ.
ނުކުޅެދުންތެރިކަމުގެ އެލަވެންސްގެ އިތުރުން ތެލެސީމިއާ އެލަވެންސްގެ ގޮތުގައިވެސް އެންސްޕާއިން ސެޕްޓެމްބަރު މަހު ފައިސާ ދޫކޮށްފައިވެއެވެ. އެ ގޮތުން ތެލެސީމިއާ އެލަވެންސަށް 1،082،000 ރުފިޔާ ހޭދަކޮށްފައިވާ އިރު، އޮގަސްޓް މަހު އެ ބަޔަށް ދޫކޮށްފައި ވަނީ 1،070،000 ރުފިޔާއެވެ.
ތެލެސީމިއާ އެލަވެންސް ލިބޭ ފަރާތްތަކުގެ ދަފުތަރަށް ސެޕްޓެމްބަރު މަހު ހަ މީހަކު އަލަށް އިތުރުވެފައިވެއެވެ. އޮގަސްޓް މަހު އެ ދަފުތަރަށް އިތުރުވީ ހަތަރު މީހެކެވެ. މިހާރު ތެލެސީމިއާ އެހީ ލިބޭ ފަރާތްތަކުގެ ޖުމުލަ އަދަދު ވަނީ 541 އަށް އަރައިފައެވެ.
މި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ނުކުޅެދުންތެރިކަމުގެ ދަފުތަރާއި ތެލެސީމިއާ ދަފުތަރު ދެ ބައިގައިވެސް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ އަދަދު ކޮންމެ މަހަކުވެސް އިތުރުވަމުން ދާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists