ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއްޔާ ނެޓްވޯކުން އާއްމުކޮށްފިއެވެ.
ވީޑިއޯ އިން ފެންނަ ގޮތުން ހަމަލާ ދިން ވަގުތު ބައެއް އުމްރާވެރިން ދިޔައީ ޗެކިން ވުމަށްފަހު ބޯޓަށް އަރާށެވެ. އަނެއް ބަޔަކު ތިބީ މަޑުކޮށްގެންނެވެ.
މި ހަމަލާގައި ޖުމްލަ 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ހަމަލާ އަމާޒުވީ އެ ޤައުމުގެ އުމްރާ ގުރޫޕެއް ތިބި ތަނަށެވެ. އެ ގުރޫޕުގައި 45 މީހުން ހިމެނުނުއިރު، އޭގެތެރެއިން 32 މީހުންނަށް އަނިޔާއެއް ނުލިބި ސަލާމަތްވި ކަމަށްވެ އެވެ. ނަމަވެސް، އެކަކުގެ ދެފައި ބުރިވެ، އެތައް ބަޔަކަށް އަނިޔާވި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ފަލަސްޠީނާއި، އެމެރިކާއާއި، މިޞްރާއި، އުރުދުންއާއި، ސީރިޔާ އަދި ސޫދާންގެ ރައްޔިތުން ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.
އޮކްޓޯބަރު 11 ގައި ރިޔާޟް އެއާޕޯޓަށް ދެވަނަ ހަމަލާއެއް ދިނުމުން އިތުރު މީހަކު މަރުވެފައިވެ އެވެ. ހަމަ އެދުވަހު، ސަޢޫދީގެ އިރުމަތީގައިވާ ދައްމާމް އެއާޕޯޓަށް ވެސް ހަމަލާދީފައިވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists