ވީއޭއާރް ސިޓީ ހިތްދަތި ކޮށްލިއިރު އާސެނަލް އަދި ލިވަޕޫލް ހަނިގޮތަކަށް މޮޅުވެއްޖެ

18 Aug 2019 | 03:26

އިނގިރޭސި ޕްރިމިއާ ލީގުގަައި މެންޗެސްޓާ ސިޓީ އަދި ޓޮޓެންހަމް ބައްދަލުކުރި ފޯރިގަދަ މެޗް 2-2 ކުން އެއްވަރުވެއްޖެއެވެ.

މެޗް ފަށައިގެން ވަރުގަދަ އެޓޭކިން ގޭމެއް ކުޅެމުން ދިޔަ ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ރަހީމް ސްޓާލިންގްެއެވެ. މި ގޯލް ސްޓާލިންގް ކާމިޔާބުކުރީ ކެވިޑް ޑި ބްރޫނޭ ނަގައިދިން ރީތި ހުރަހަކުން ބޮލުން ބޯޅަ ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެންނެވެ. ސިޓީގެ މި ގޯލަށް ގިނައިރުތަކެއް ނުވަނީސް ޓޮޓެންހަމްގެ އެރިކް ލަމޭލާވަނީ ޓޮޓެންހަމް އުފެއްދި ފުރަތަމަ ހަމަލާގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނަމަވެސް ރީތީ ފުޓްބޯޅައެއް ކުޅެމުން ދިޔަ ސިޓީވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަނެއްކާވެސް ކުރި ހޯދާ ހަމަޖެހިލާފައެވެ. މި ގޯލު އަގުއޭރޫ ޖަހައިދިންއިރު އެސިސްޓް ހަދާފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑި ބުރޫނޭއެވެ.

ފުރަތަމަ ހާފުގެ ކުޅުން 2-1 ކުން ސިޓީ ކުރީގައި އޮވެ ނިމުނުއިރު ދެވަނަ ހާފް ފަށައިގެންވެސް އެޓީމްވަނީ ގިނަ ހަމަލާތަކެއް އުފަންދަން މަސައްކަތްކޮށް އެކި ފަހަރު މަތިން ނުރައްކާތެރި ގިނަ ހަމަލާތަކެއް ޓޮޓެންހަމްގެ ގޯލާ އަމާޒު ކޮށްފައެވެ.

ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފި ޓޮޓެންހަމް ނަތީޖާ އެއްވަރު ކުރީ ލިބުނު ކޯނަރެއްގެ ފައިދާ ނަގައިގެންނެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އެރިކްސަން ނަގައިދިން ކޯނަރުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ލޫކަސް މޯރާއެވެ.

އިތުރު ގޯލެއް ކާމިޔާބު ކުރުމަށް ހިތްވަރު އެލުވާނުލާ ކުޅެމުންދިޔަ ސިޓީވަނީ މެޗުގެ އެންމެ ފަހު ވަގުތު ގޯލެއް ޖަހާފައެވެ. މި ގޯލް ޖެހީ އަގުއޭރޯގެ ބަދަލުގައި ކުޅެން ނުކުތް ޖީސުސްއެވެ. ސިޓީގެ ބެންޗުގައި ތިބި ކުޅުންތެރިނާއި ކޯޗިން ސްޓާފް އަދި ސަޕޯޓަރުން އުފާ ފާޅު ކުރަމުން ދަނިކޮށް ރެފްރީވަނީ ވީއޭއާރް މެދުވެރިކޮށް އެގޯލު އެވަލުއޭޓް ކުރުމަށްފަހު އެއީ ގޯލެއް ނޫން ކަމުގައި ނިންމާފައެވެ.

ފުރިހަމަ ވަގުތު ހަމަވުމުން ސިޓީގެ ކުޅުންތެރިންވަނީ ރެފްރީއައި މެދު ނުރުހުން ފާޅު ކޮށްފަކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ނިމިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޓޮޓެންހަމް އަތުން ސިޓީ ބަލިވެ މުބާރާތުން ކަޓާފައިވަނީވެސް މިފަދަ ގޮތަކަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ނަތީޖާ ގަބޫލު ކުރާ ކަމަށައި އިތުރު އެއްޗެއް އަހަން އޮތިއްޔާ އެންމެ ރަނގަޅުވާނީ ވީއޭއާރް އޮޕަރޭޓް ކުރި މީހުން ގާތުގައި އެހުން ކަމުގައެވެ.

ލީގުގައި ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އާސެނަލްވަނީ 2-1 ކުން ބާންލީ ބަލިކޮށްފައެވެ. ލަކަޒެޓް އަދި އޮބާމެޔާންގް އާސެނަލްގެ ގޯލުތައް ޖަހައިދިންއިރު ބާންލީގެ ހަމައެކަނި ގޯލް ޖަހައިދިނީ ބާންސްއެވެ. ލިވަޕޫލް ކުޅުނު މެޗުވެސް އެޓީމް ކާމިޔާބުކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. ސައުތްހެމްޕްޓަންއައި ދެކޮޅަށް ލިވަޕޫލްގެ ގޯލުތައް ޖެހީ މާނޭ އަދި ފިރްމީނޯއެވެ. ސައުތްހެމްޕްޓަނުގެ ހަމައެކި ގޯލް ޖަހައިދިނީ ކުރިން ލިވަޕޫލްއަށް ކުޅުނު އިންގްސްއެވެ.

މި ނަތީޖާތަކާއެކު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އޮތީ ލިވަޕޫލްއެވެ. ހަމަ އެ އަދަދަށް އާސެނަލްވެސް ޕޮއިންޓް ހޯދާފައިވާއިރު އެޓީމް ދެވަނައިގަ އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކީ ސިޓީ އޮތީ ތިންވަނައިގައެވެ. 

Advertisement

ކޮމެންޓް