Advertisement

މެޒޯ މުހައްމަދުގެ ގޮތް ނޭގޭ ސިޔާސީ ލަވަ!

21 Aug 2019 | 17:02

ދިވެހި މިއުޒިކީ ދުނިޔޭގައި މަޝްހޫރު މެޒޯ މުހައްމަދު އޭނާގެ ރޫހާނީ ފިކުރުގައި ކަރުގައި ރަންރީނދޫ ފޮތިކޮޅެއް އޮޅާލައިގެން އުޅުމަށްފަހު ކޮންރާގަކަށްކަން ފޭނުންނަށް އެހާބޮޑަށް ސާފު ނުވާ ރާގަކުން އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ލަވައެއް ކިޔައިދީގެން ވަރަށް ގިނަ ފޭނުން އެލަވައިގެ މާނަ ތަންކޮޅެއް ތިލަކޮށްދޭން އެބަ އެދެއެވެ.

ޅެންބައިތު އޭނާ ދޫކޮށްލީ އޭނާގެ ޓްވީޓަރު ފޮލޯވަރުންނަށެވެ. ކުރިން އޭނާ ހެދި ލަވައެއްގައި އުޑުގެތަރިތައް ބަލަން ހުރެގެން ކޮންމެވެސް ސަނާތަކެއް ކިޔާ ވާހަކަތަކެއް ހިޓްވިއެވެ. އެއީ ވަރަށް ޖަޒުބާތީ ލަވައެކެވެ. ކަމަނަގޯތީ އާދަނުވެސް ހިޓްވިއެވެ.

މިފަހަރު ފޭނުންނަށް މާނަ ނުނެގިގެން އުޅެނީ ރަންރީނދޫ ފޮތިކޮޅެއް ނުވަތަ ރިވެތި ދިވެހި ބަހުން ބުނާނަމަ ރަންރީނދޫ ފޮށައެއް ކަރުގައި އޮޅާލައިގެން ހުރެ ދޫކޮށްލި ޅެންބައިތުގައި ފިޔާތޮށި މާތަކުން ތަރިތައް ވިދާހެން ވިދުންގެނުވާފައި ހުރެގެންނެވެ.

ޅެންބައިތު ފަށަމުން އޭނާ ކިޔާފައިވަނީ:

"ވައިއޭޖީ އަކީ ހަނިމަގު ފުޅާކޮށްދެއްވި، ފޮރޮޅާ ފައިމަގުގަ

     ކަނޑުއޮޅި ހުރަސްކުރެވޭނެ ގޮތް ހޯދާ ދެއްވި ވެރިއެއް،

ވެރިކަން ބަދަލުކުރެވޭ ދޮގު އިލްޒާމުން ރައްޔިތުންގެ ބުއްދިޔާ

     ކުޅެގެންކަމުގަ ވަނީ ނަމަ އެވާނީ ހީލަތްތެރި ވެރިކަމަށް

     ދަހިވެތި ބަޔަކު ހިންގި ހުތުރު އަމަލަކަށް"

މިލަވަޔާމެދު ކޮމެންޓްކުރި މެޒޯ މުހައްމަދުގެ ފޭނަކު ބުނީ މެޒޯ މިހާރު ބަހާރު މޫސުމުގައި ނޫރާނީ މާފޮޅުވަނީ ކަމަށެވެ. އޭނާގެ ރަންރީދޫ ފޭނަކު ސުވާލުމާކު އުފެދިގެން އަހަނީ މަނިކުފާނު ތިޔައުޅުއްވަނީ އަނެއްކާ ކޮންފަދަ ބޮޑު ކަމެއް ލައިގެންތޯއެވެ. ދެން އެހި މީހާ އަހަނީ ރާގަކަށް ކިޔާފަ ނިކަން އަޑުއިއްވާލަދީބަލާށެވެ. އަނެކަކު އަހަނީ އޮއްގާ ނުއުކައި ވެގެންއުޅޭގޮތް ކިޔައިދީބަލާށެވެ. މީހަކު ވަރުގަދަ ހިނިގަނޑެއްޖަހާލާފައި ބުނަނީ ފެވަރިޓް އެމްޑީޕިއަން ފްރޮމް ޓުޑޭ އޮންވާޑް އެވެ.

ޅެންބައިތު ދޫކޮށްލުމަށްފަހު ބޭނުންކޮށްފައިވާ ސިމްބޮލްއިން ދައްކަނީ ޅެންބއިތުކިޔައިދޭނެ ރާގަކާމެދު ފިކުރު ބޮޑުވެގެން އުޅެނީކަމަށެވެ.

ޅެންބައިތާމެދު ފުންކޮށް ވިސްނައި ފިކުރުކޮށްލުމަށްފަހު ފަހުމްވާ އެއްމާނައަކީ މެޒޯ މުހައްމަދު އެއްދުވަސްވަރެއްގައި ހެންވޭރު އަޑިޕާކާއި ދިމާއިން ހިގައިބިގައިވެ ޖޮގިންގައި އުޅެނިކޮށް މަގުއެއްވަރުނުވެ އަޑިގުޑަންތަނަކުން ފައިފޮރޮޅައިލިކަމެވެ. އޭގެފަހުން ހުވަދުއަތޮޅުގެ ރަށެއްގެ ވަލުތެރޭގައި ގެއެއް އަޅައި މާލެނާރައި ހުރެފައި މާލެއައިސް އަޑިޕާކާއިދިމާއަށް ގޮސް ބަލާލިއިރު ހިތްގައިމު ރީތި ބްރިޖަކާއި ފަސޭހަކޮށް ހަދާފައިވާ ބޮޑުތަކުރުފާނުމަގު ފެނުމުން ހައިރާންވެގެން ދުލުން ބޭރުވި ބަސްތަކެއްކަމަށެވެ. މިޅެންބައިތު ރިލީޒްމިކުރީ ލައްކަ ދުވަހު ފޮރުވައިގެން އުޅުމަށްފަހުއެވެ.

އެކަކު ބުނީ "ކަނޑާލިޔަސް މެޒޯ މުހައްމަދު ގައިން އަންނާނީ ރީނދޫ ލޭ" ކަމަށެވެ. އެކަމަކު އޭނާ އެންމެ ފަހުން މިރިލީޒްކުރި ޅެންބައިތުން އެހެންމާނައެއްވެސް ދޭހަވެއެވެ. ކީހާ ޅެން ފަރިއްސަވެ ނިމުނީއޭ ނުބުނެވޭނެތޯއެވެ. އެމާނަ ދޭހަ ނުވަންޏާ މެޒޯ މުހައްމަދު މިކިޔަނީ ކީކޭ ބާވައެވެ. ރަންރީނދޫވެހުރެ ފިޔާތޮށި ފިނިފެންމަލެއްގެ އަވާގައިޖެހިގެން ތަރިތައް ގުނަމުން ސަނާކިޔަނީއެވެ. އެސަނާތައްގޮސް މިރައްދުވަނީ އެމްޑީޕިއަނުންގެ އެއްނަމްބަރު ދުޝްމަން ވައިއޭޖީ އަށެވެ.

Advertisement

ކޮމެންޓް