ނަޒީރާއި މާޖިދުގެ މަގާމު ގެއްލިއްޖެ

21 Aug 2019 | 17:27

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލް ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިއަދު ފާސްކުރި ބިލްގައި ވާގޮތުގައި ޖޭއެސްސީގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެންދެވޭނެއެވެ. މީގެ ސަބަބުން މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އުވާލެވޭނެއެވެ.

މިއާއިއެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމުވެސް ގެއްލޭނެއެވެ. އެ ބިލްގައި ވާގޮތުގައި ޑީޖޭއޭ ހިންގުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތީވެސް ޖޭއެސްސީގެ އަތުގައެވެ.

މީގެ އިތުރުން ގާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ އުމުރުން 30 އަހަރުވެފައިވާ މީހަކަށްވުމާއި، ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

Advertisement

ކޮމެންޓް

Advertisement