Advertisement

ލީގު ތައްޓަށް ބީރައްޓެހި ލިވަޕޫލް އަދި ޔޫރަޕުގަ ބަދުނަސީބު އާސެނަލްގެ ބޮޑު ކުރިމަތިލުން

24 Aug 2019 | 14:25

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އާސެނަލްގެ ކުރިމަތިލުން މިރޭ އޮތްއިރު މި ދެޓީމަކީ މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވާ ހަމައެކަނި ދެޓީމެވެ.

ލަނޑުގެ ތަފާތުން އެއްވަނައިގަ އޮތް ލިވަޕޫލް މި މެޗަށް ނުކުންނައިރު އެޓީމަށް ވަނީ އަނިޔާގެ މައްސަލަތަކަކާ ކުރިމަތިވެފައެވެ. އެގޮތުން އުންމީދީ ކީޕަރު އެލިސަންއަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް ނެތްއިރު މެދުތެރެއަށް ކުޅެމުން އަންނަ ނަބީ ކެއިޓާއަށް މި މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. މެޗަށް ނުކުންނައިރު، އޮކްސްލޭޑް ޗެންބަލައިން އަދި މިލްނާގެ ބަދަލުގައި ކޮލޮޕްގެ ފުރަތަމަ އެގާރައިގަ އާންމުކޮށް ހިމެނިގެން ކުޅޭ ހެންޑަސަން އަދި ފަބިނިއޯ އެ ކުޅުންތެރިންގެ ޖަގަ ކަށަވަރު ކުރާނެކަމަށް ބެލެވެއެވެ.

އާސެނަލްއަށް ބަލާލާއިރު ޒާކާ އަދި އޮޒިލް ފަރިތަކުރުންތަކުގައި އަލުން ބައިވެރިވެފަވުމާއެކު އެ ކުޅުންތެރިން މެޗުގެ ކޮންމެވެސް ހިސާބަކުން ފެނިގެންދާނެ ކަމުގެ އުންމީދު ބޮޑުވެ.

މި ދެޓީމް އެންމެ ފަހުން ކުރިމަތިލި އަށް ފަހަރުވެސް އާސެނަލްއަށް ލިވަޕޫލް ބަލިކުރެވިފައެއް ނުވެއެވެ. ލިވަޕޫލް އަދި އާސެނަލްގެ ކުރިމަތިލުންތަކަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލުތައް ފެނިފައިވާ މެޗުތައްކަންވެސް ފާހަގަކޮށްލެވެއެވެ.

މިފަހުން ލިވަޕޫލް އަދި އާސެނަލްގެ ކުރިމަތިލުން ތަކުގައި އެންމެންގެ ލޯ އަޅައިގަންނަ ކުޅުންތެރިޔަކީ ލިވަޕޫލްއަށް ކުޅެމުންއަންނަ ބްރެޒިލްގެ ފޯވަޑް ފިރްމީނޯއެވެ. ލިވަޕޫލްއައި ގުޅުނު ފަހުން އޭނާ އެންމެ ގިނަ ގޯލް ޖަހާފައިވަނީ އާސެނަލް ކޮޅަށެވެ. 27 އަހަރުގެ ފިރްމީނޯ ވަނީ އާސެނަލްއައި ދެކޮޅަށް ކުޅުނު އަށް މެޗުގައި އަށް ގޯލު ކާމިޔާބު ކޮށްފައެވެ. ސަލާހް އަދި މާނޭއާއެކު ފިރްމީނޯ ފެނިގެންދާނެކަން ޔަގީންވާއިރު އޭނާއަށް މި މެޗުގައި ގޯލެއް ކާމިޔާބު ކުރެވިއްޖެނަމަ އެ ގޯލް ވާނީ އޭނާގެ ކެރިއަރުގެ 50 ވަނަ ގޯލަށެވެ.

ލިވަޕޫލްގެ ނުރައްކާތެރި ފޯވަޑް ލައިނެއް އޮތްއިރު އާސެނަލްގެ ފޯވަޑް ލައިނަކީވެސް އިދިކޮޅަށް ނުކުންނަ ޓީމް ޖެހިލުންވާވަރުގެ ފޯވަޑް ލައިނެކެވެ. ގޯލާ ރައްޓެހި އޮބާމެޔާންގް އަދި ލަކަޒެޓް މެޗް ސްޓާޓް ކުރާނެކަމަށް ގަބޫލުކުރެވޭއިރު މި ސީޒަނުގައި އެޓީމައި އަލަށް ގުޅުނު ހުނަރުވެރި ވިންގާ ޕެޕޭވެސް ފުރަތަމަ އެގާރައިގަ ހިމެނޭނެކަމަށް ބެލެވެއެވެ.

ފާއިތުވެދިޔަ ސީޒަންތަކުގައި އާސެނަލް އެންމެ ބަލިކަށީ ޑިފެންސިވްކޮށް ކަން ފާހަގަވެގެން ގޮސްފައިވާއިރު ޗެލްސީއިން އެޓީމައި ގުޅުނު ތަޖުރިބާކާރު ޑިފެންޑަރ ޑާވިޑް ލުއިޒްގެ ސަބަބުން އެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 9:30 ގައެވެ. 

Advertisement

ކޮމެންޓް