އަންހެން ފަނޑިޔާރުންގެ މައްސަލައިގައި ބަހުސްކުރާކަށް ނުޖެހޭ: މީކާއިލް

26 Aug 2019 | 16:27

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުުމުގެ މައްސަލައިގައި ބަހުސްކުރާކަށް ނުޖެހޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ދެ އަންހެންބޭފުޅަކު އައްޔަންކުރުމަށް ޖޭއެސްސީން ރުހުންދިނުން ނޮޅިވަަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވުމުން އެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރު މީކާއިލް ވިދާޅުވީ އެ ކުއްލި މައްސަލައަކީ އަންހެން ދަރިޔަކު ހުރި އިންސާނަކު ހުށައަޅަން ކެރޭވަރަށްވުރެ ލަދުވެތި އަދި ދަށު ދަރަޖައިގެ ކުއްލި މައްސަލައެއް ކަމަށެވެ. މިއީ 21ވަނަ ގަރުނުގެ ދިވެހިރާއްޖޭގައި ބަހުސްކުރެވިގެން ވާނެފަދަ މައްސަަލައެއްވެސް ނޫންކަމަށް މީކާއިލް ވިދާޅުވިއެވެ.

އެބޭފުޅާގެ ވާހަކަފުޅުގައި އިތުރަށްވަނީ އިސްލާމްދީން އޮތީ ދިވެހިރާއްޖޭގައި އެކަނިތޯ ސުވާލު އުފެދޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. ސަބަބަކީ އިސްލާމީ އެހެނިހެން ގައުމުތަކުގައިވެސް އަންހެން ފަނޑިޔާރުން ތިއްބަވާތީކަމަށް މީކާއިލް ވިދާޅުވިއެވެ.

"އެ އެންމެން އެތިބީ އެބޭފުޅާ އެ (މެންބަރު ނަޝީދު) ވިދާޅުވާ އިސްލާމްދީނުގެ އަސްލުތަކާާއި ޚިލާފުވެ ބޮޑު ހަރާމް މުންކަރާތްތަކަކަށް އަަރައިގެންފައިތޯ"، މެންބަރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement