ނޭމާ ބަދަލުވާން ބޭނުންވާ ހަމައެކަނި ކްލަބަކީ ބާސެލޯނާ

28 Aug 2019 | 07:32

ޕީއެސްޖީ ދޫކޮށް ބަދަލުވާން ބޭނުންވާ ހަމައެކަނި ކްލަބަކީ ބާސެލޯނާ ކަމުގައި އޭނާ ބުނެފިކަމަށް ކުޅިވަރު ކަވަރު ކުރަމުންދާ ޔޫރަޕުގެ ނަން މަޝްހޫރު މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އެގޮތުން މީޑިއާ ރިޕޯޓްތަކުގައި ވާގޮތުން ނޭމާ ވަނީ، އޭނާ ދާން ބޭނުންވާ ހަމައެކަނި ކްލަބަކީ ބާސެލޯނާ ކަމަށް ޕީއެސްޖީގެ ޑިރެކްޓަރ ލިއޮނާޑޯ ގާތު ބުނެފައެވެ. ބާސެލޯނާއައި ވާދަވެރި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަކީ 'އޮޕްޝަންސް' އެއް ނޫން ކަމަށްވެސް ނޭމާ ބުނެފައިވާ ކަމަށްވެއެވެ.

ޓްރާންސްފާ މާކެޓް ބަންދުވާން ހަ ދުވަހަށް ވެފައިވާއިރު ނޭމާގެ ޓްރާންސްފާގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްޓަކައި ބާސެލޯނާ ތަމްސީލްކުރާ ވަފުދެއް ޕީއެސްޖީގެ ރައީސް ނާސެރް އަލް ޚެލާފީއައި ބައްދަލުކުރަން ޕެރިސްގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ނޭމާއަށް ހުށަހެޅި ފުރަތަމަ ހުށަހެޅުން ޕީއެސްޖީ ގަބޫލު ކޮށްފައި ނުވާއިރު ބާސެލޯނާއިން މިހާރު ތައްޔާރުވަނީ 170 މިލިއަން ޔޫރޯގެ އިތުރުން ޑެމްބެލޭ ހުށަހެޅުމަށް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

27 އަހަރުގެ ނޭމާ ބާސެލޯނާ ދޫކޮށް 2017 ގައި ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމުގައިވާ 222 މިލިއަން ޔޫރޯއަށެވެ. 

ނޭމާ ހޯދުމުގެ ޝައުގުވެރިކަން ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ފާޅު ކޮށްފައިވާއިރު މި ރޭހުގެ އެންމެ ކުރީގައި އުޅެނީ ބާސެލޯނާއެވެ. 

Advertisement

ކޮމެންޓް

Advertisement