މިނިވަން ފިކުރު ނެތް ނަމަ، ހަރުކަށި ފިކުރު އޮންނާނެތަ؟

06 Sep 2019 | 13:24

ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމާއި، "މިނިވަން ފިކުރު" ނުވަތަ އެބުނާ ލާދީނީ ފިކުރު އަހަރުމެންގެ ތެރޭގައި ފެތުރިގެން ދިޔުމަކީ މިއަދު މިގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދެމައްސަލައެވެ.

މިދައްކަނީ ޅަފުރައިގެ ޒުވާނުންނަށް ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކުން ބޭރުވުމަށް ހިތްވަރު ދޭ މީހުންނާއި، ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ހޯދަން މަސައްކަތް ކުރާ، ދެ ފިކުރެއްގެ މީހުންގެ ވާހަކައެވެ. އެންމެ ފަހުން މި ދެންނެވި ވައްތަރަށް މިހާރު އާ ނަމެެއް ވަނީ ދީފައެވެ. އެއީ "މިނިވަން ފިކުރު" މިބަހެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އެބުނާ މިނިވަން ފިކުރު ހުއްދަ ދޭން ބޭނުންވަނީ ނުވަތަ މަގުފަހި ކުރުވަނީ ކޮންކޮން ކަންތައްތަކަކަށް ކަމާމެދު އެންމެ ފުރަތަމަ ރަނގަޅު ބުއްދިއަކުން ވިސްނާލަން ޖެެހެއެވެ.

އެބުނާ މިނިވަން ފިކުރު، ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ގެންނާނީ ކޮންފަދަ ބަދަލުތަކެއްތޯއެވެ؟ ލާދީނީ މީހުންނަށް "މިނިވަން ފިކުރު"ގެ މީހުންނޭ ބުނުމުން، އިސްލާމް ދީނުގައި، އަޅުތަކުންނަށް އެއްވެސް މިނިވަންކަމެއް ނެތޭ ބުނާ ފަދައެވެ. އެހެންނަމަވެސް އެއީ ބަޔަކު އޮޅުވާލަން މަސައްކަތް ކުރަމުން އަންނަ ވާހަކައެކެވެ.

އިސްލާމް ދީނުގައި ވަކި ހުދޫދެއްގެ ތެރެއިން ދީފައިވާ މިނިވަންކަން، އޭގެ އިމުން ބޭރުވެ، ހިތުހުރިހައި ގޮތަކަށް އުޅެންވެއްޖެނަމަ، މިނިވަން ފިކުރާ ދެކޮޅަށް ދެން އުފެދެނީ އެބުނާ ހަރުކަށި ފިކުރެވެ. އަދި އިސްލާމްދީނުގެ ހުދޫދުން ބޭރުވެ ހަރުކަށިކަން އިސްކުރުމުން އެއާ ދެކޮޅަށް އުފެދެނީ މިނިވަން ފިކުރެވެ.

އެހެންކަމުން އެކަމަށް އޮތް އެންމެ ރަަގަޅު ހައްލަކީ އަޅުގަނޑުމެންގެ ޒުވާން ޖީލުތަކަށް ދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމެވެ.

އައްޝެއިހު އިލްޔާސް ހުސެންވެސް ވިދާޅުވި ފަދައިންނެވެ. ޝެއިހް އިލްޔާސް ވިދާޅުވެފައިވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމާއި، ދީނަށް ފުރައްސާރަ ކުރުމުން ޒުވާނުން ދުރުކުރެވޭނީ ދީނާ ގުޅޭ ސައްހަ މައުލޫމާތު ދެވިގެން ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން އަހަރުމެންގެ ތެރެއިން މަދުން ނަމަވެސް ފެންނަމުންދާ ކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދުގެ ޒުވާން ޖީލަށް ބަލާއިރު، އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން، ހައްގު މަގުގައި ސާބިތުވެ ހުރީ ވަރަށްވެސް މަދު ބަޔެކޭ ދެންނެވިދާނެއެވެ. އެކަން ބަދަލު ކުރެވޭނީ އެންމެ ފުރަތަމަ މައިންބަފައިންވެސް ހަމަ މަގަށް އައިސްގެންނެވެ. އެއަށްފަހު މަދުރަސީ ތައުލީމެވެ. އިސްލާމް ގަޑީގައި މުދައްރަސުން ކިޔަވާ ފިލާވަޅުތައް މިހާރަށްވުރެ ވަރުގަދަވާން އެބަޖެހެއެވެ. މި މުޖްތަމައުގައި ހުރި މައްސަލަތަކަށް ދަރިވަރުން ހޭލުންތެރި ކުރުވައި، ދީނުގައި ކަންކަން އޮންނަ ގޮތުގެ ސައްހަ މައުލޫމާތު ދަރިވަރުންނަށް ދީ، އިސްލާމް ދީނަށް ލޯބި ޖައްސަން މަސައްކަތްތަކެއް އެބަ ކުރަންޖެެހެއެވެ.

އެކަން ކުރެވިއްޖެނަމަ އެބުނާ މިނިވަން ފިކުރު، މި ގައުމުން ނެތިގެން ހިނގައިދާނެއެވެ. އޭރުން އެއްކަލަ ހަރުކަށި ފިކުރަށްވެސް ޖާގައެއް ނޯންނާނެއެެެެވެ.  

Advertisement

ކޮމެންޓް