ގާނޫނު ހަދާ މަޖިލީހުގެ އަހުލަބިއްޔަތު ބޮރިސްއަށް ގެއްލިއްޖެ

03 Sep 2019 | 23:18

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަތުން ބީވެގެން ގޮސްފިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ އަހުލަބިއްޔަތު ބޮރިސްއަށް ގެއްލުނީ ކޮންޒަވޭޓިވް ޕާޓީގެ މެންބަރަކު، ޕާޓީ ދޫކުރައްވައި އިދިކޮޅު ފަރާތުގައި ހިމެނޭ ލިބެރަލް ޑިމޮކްރަޓްސްއާއި ގުޅިވަޑައި ގަތުމުންނެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ޖަސްޓިސް މިނިސްޓަރކަމުގެ މަގާމު އަދާކުރެއްވި ޑރ.ފިލިޕް ލީ އިދިކޮޅު ބެންޗަށް ބަދަލުވެ ވަޑައިގެންނެވީ، ޖީ7 ސަމިޓާއި ބެހޭގޮތުން ބަޔާނެއް ދެއްވުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ތެދުވެ ވަޑައިގެންނެވި ވަގުތުގައެވެ.

އިދިކޮޅަށް ބަދަލުވެ ވަޑައިގެންނެވުމަށްފަހު އާންމުކުރެއްވި ބަޔާނެއްގައި ޑރ.ފިލިޕް ލީ ވިދާޅުވީ މިއަދު އެބޭފުޅާ ދޫކުރެއްވި ކޮންޒަވޭޓިވް ޕާޓީއަކީ 1992އަހަރު ގުޅިވަޑައިގެންނެވި ކޮންޒަވޭޓިވް ޕާޓީ ނޫންކަމަށެވެ. އަދި މިއަދު ކޮންޒަވޭޓިވް ޕާޓީއިން ދަނީ އުސޫލެއްނެތި ގެއްލުން ލިބޭގޮތަށް ބްރެކްސިޓް ކުރުމަށް މަސައްކަތް ކުރަމުންކަމަށް އެބޭފުޅާ ފާހަަގަކުރެއްވިއެވެ.

މިއާއި އެކު އަވަސް އިންތިޚާބަކަށް ދިއުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް މަސައްކަތް ކުރައްވާނެކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް

Advertisement