"ރައީސް ނަޝީދު އުޅުއްވަނީ ސަމާލުކަން ހޯދަން"
ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މީހުންގެ ސަމާލުކަން ހޯއްދަވަން ކަަމަށް ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވީ، އެމަނިކުފާނަށް ފުލުހުން ފާރަލަމުންދާ ކަމަށް ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން އެކަަމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން މެމްބަރު ނަޝީދު ވިދާޅުވީ ނަޝީދު އެގޮތަށް ވާހަކަ ދެއްކެވީ ތިމާވަރު މީހެއް ނެތް ކަމަށް ދެއްކެންވެގެން ކަމަށެވެ.
"ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން ދައްކާ ވާހަކަ މީ. އޭރުން ނޫސްތަކުގެ ހެޑްލައިނަށް ނަން އަރާނެއެއްނު" މެމްބަރު ވިދާޅުވިއެވެ.
ނަޝީދަށް ފުލުހުން ފާރަލާ ކަމަށް ވިދާޅުވިއިރު، ފުލުހުންނާއި އެމްއެންޑީއެފްވެސް އެވާހަކަތައް ދޮގު ކުރެއެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ މިއަދު ބަޔާނެއްވެސް ނެރެފައެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެންޑީއެފުން މީގެ ތިން ދުވަސް ކުރީގައި ފުލުހުން އެބޭފުޅާއަށް ފާރަލަމުން އަންނަ ކަމަށެވެ.
މި ތުހުމަތަށް ރައްދުދެމުން އެމްއެންޑީއެފުންވެސް ބަޔާނެއް ނެރުނެވެ. އެ ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން، ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައެއް ނުވާނެކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ބަޔާނުގައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists