އޮފީސް މާހައުލުގައި ކުރެވޭ ޒުވާބު ހައްލު ކުރާނީ ކިހިނެއް؟

15 Sep 2019 | 11:13

އެއްވެސް މީހެއްގެ ހިޔާލަކީ އަނެކާގެ ހިޔާލާ އެއްގޮތް ވާނެ އެއްޗެއް ނޫނެވެ. ހިޔާލު ތަފާތު ވުމަކީ ދެބަސްވުމަށް ހުޅުވޭ ދޮރެކެވެ. މަސައްކަތުގެ މާހައުލެެއްގައި ތަފާތު ހިޔާލުގެ މީހުން އެކުގައި މަސައްކަތް ކުރާއިރު، ބައެއް ފަހަރު އަރައިރުންވާންޖެހޭތަން އަންނާނެއެވެ. އެހެންނަމަވެސް އެކަންކަން ހައްލުކޮށްގެން ނޫނީ، ކުރާ މަސައްކަތެެއްގެ ޓީމް ވޯކެއް ނުފެންނާނެއެވެ.

މި ލިޔުމުގައި މި ބަލާލަނީ މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލު ކުރެވިދާނެ ބައެއް ގޮތްތަކަށެވެ.

ތިބާ އެހެން މީހަކު ދައްކާ ވާހަކައަަކާމެދު ނުރުހޭނަމަ، ނުވަތަ ދޭ ހިޔާލަކަށް ތާއީދު ނުކުރާނަމަ، އެކަން ވީހާވެސް ކުރުކޮށް، ފޮނިކޮށް އަންގައިދޭށެވެ. ބޭކާރު ވާހަކަތައް އޭގެތެރެއަށް ނުލާށެވެ. މާ ވާހަކަ ގިނަ ވެއްޖެނަމަ، އާ މައްސަލަތަކެއް އުފަންވެ، ޒުވާބު ދިގުވެގެން ހިނގައިދާނެއެވެ.

ދެން އޮތް ކަމަކީ މާބޮޑަށް އިމޯޝަނަލް ނުވުމެވެ. ބުނަން ބޭނުން ވާހަކައެއް މާ ކަންތައް ބޮޑު ކުރުމެއް ނެތި، ބުނެލުމެވެ. ރުޅި އައިސްގެން ދެން ހުރި މީހާއާ ދިމާއަށް ހަޅޭލަވައިގަތުމަކީ މައްސަަލައިގެ ހައްލެއް ނޫނެވެ. އެހެންކަމުން ރުޅި ކޮންޓްރޯލް ކުރުމަށް އިސްކަން ދޭށެވެ. އިމޯޝަނަލް ނުވެ، ބުނަން ބޭނުންވާ އެއްޗެއް ބުނެފިނަމަ، އެބުނާ އެއްޗެއްގެ ފައިދާވެސް މާ ބޮޑުވާނެއެވެ.

ތިބާއާއި، ކޮލީގާއި މެދު ޖެހުނު މައްސަލައަށް ވަގުތީ ހައްލެއް ގެންނަން ނޫޅޭށެވެ. އެކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ފަދަ ގޮތަކަށް ދެފަރާތުންވެސް ވާހަކަ ދައްކާށެވެ. އެހެން ނޫނީ ފަހުން، ހަމަ އެ މައްސަލަ ފެންމަތިވެދާނެއެވެ.

ދެން އޮތް ހައްލަކީ އަޅާނުލައި ދޫކޮށްލުމެވެ. ހަނދާން ކުރާށެވެ. މަސައްކަތުގެ މާހައުލުގައި ތިބާއާއި އިތުރު މީހަކާ ދޭތެރޭގައި ޖެހޭ މައްސަލައިގެ ތެރެއަށް އިތުރު މީހަކު ނުވައްދައްޗެވެ. އޭރުންވެސް މައްސަލަ ވާނީ ބޮޑެވެ. 

Advertisement

ކޮމެންޓް