ވާހަކަ: ލޯބީގެ ނަމުގައި 2

10 Sep 2019 | 14:27

"އާން..ތި އިޒްކާން މި ހޯދަނީ." އެ އަންހެން ކުއްޖާ ބުނެލިއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ރީތި އަންހެން ކުއްޖަކު މިހާ ދަން ގަޑިއެއްގައި އަހަރެން ހޯދަން އަންނަހާ ރީތި މީހަކަށް އަހަރެން ވޭބާއެވެ؟ އެ ސުވާލުގެ ޖަވާބު ހަމަ ޔަގީނުންވެސް އަހަރެންނަކަށް ނޭނގެއެވެ. އެހެންވެ އަހަރެން އެސުވާލު އެ އަންހެން ކުއްޖާއާ ކޮށްލަން ހިތަށްއެރިއެވެ. އެހެންނަމަވެސް ސަމާސާ ވިހަ ވެދާނެތީ އެވާހަކަ ބޭއްވީއެެވެ.

"އެހެންތަ؟ ތީ ކޮންކުއްޖެއް ކަމެއް ނޭނގުނު" ހިނިތުންވުމަކާއެކު އަހަރެން ވާހަކަ ދެއްކީމެވެ.

"މީ ދީމާ.. އިޒްކާން އާ ބައްދަލު ކޮށްލަން ކޮންމެހެންވެސް ބޭނުންވީމަ މިއައީ މިހާ ދަންވީމަވެސް. ވަރަށް ބޮޑަށް ސޮރީ" ދީމާ ބުންޏެެވެ.

އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންނަކީ މަޝްހޫރު ފަންނާނެއްވެސް ނޫނެވެ. ސޯޝަލް މީޑިއާ ތަރިއެއްވެސް ނޫނެވެ. އިންސްޓެގްރާމް އެކައުންޓަށް އަމިއްލަ މީހާގެ އެންމެ ފޮޓޯއެއްވެސް ނުލަމެވެ. ފޭސްބުކްގައިވެސް 200 ރައްޓެހިން ހަމަވީ އިހަށް ދުވަހުއެވެ. އެހެންކަމުން އެ އަންހެން ކުއްޖާއަށް އަހަރެން އެނގެނީ އަހަރެންނާ ގާތް މީހެއްގެ ފަރާތުންކަން ޔަގީންވިއެވެ.

"އަނެއްކާ ކިހިނެއްވީބާ؟" އަހަރެންނަށް ބުނެލެވުނެެވެ. އެއީ ހަމަ އެވަގުތު އަހަރެންގެ ހިތަށް އައި ސުވާލެވެ.

"އެޑްރެސް އެކަނި އިނގެނީ. އެހެން ނޫންނަމަ އެހެން ގޮތަކަށް ކޮންޓެކްޓް ކުރެވުނީސް. " ރަކި ހިނިތުންވުމަކާއެކު ދީމާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަހަރެންނަކީ ސީއެޗްއެސްސީގައި ކިޔެވިއިރު އިޒްކާން ކަމުގޮސްގެން އުޅުނު ކުއްޖަކީން. ހަނދާނެއް ނުހުންނާނެ ކަންނޭގެ ދޯ. އަހަރެން ބޭރަށް ކިޔަވަން ގޮސްފަ މިއައީ މާލެ. ކުޑަ ދުވަސްކޮޅެއް ލިބުނީ ޗުއްޓީއަށް. އިންޑިޔާގެ ބެންގަލޫރުގައި ކިޔަވަން ހުންނަނީ. މާދަން ފުރަން. އެހެންވެ އިޒްކާންގެ އެޑްރެސް އެނގުނީމަ ހަމަ އައީ ދެކިލަން." ދީމާ އިސްދަށަށް ޖަހާލިއެެވެ. އޭނާ އިނީ ވަރަށް ލަދުގެންފައެވެ. އެވަގުތު އޭނާ ވަކިން ބޮޑަށް ރީތިހެން އަހަރެންނަށް ހީވިއެވެ.

އަހަރެންނަށް އިރުކޮޅަކު ބަސްހުއްޓިފައި ހުރެވުނެވެ. އުމުރުން މިވީހާތަނުގައި މިހާތަނަށް އެއްވެސް އަންހެން ކުއްޖަކު އިސްވެ، އަހަރެންނާ ހެދި އުޅެފައެއް ނުވެއެވެ. އަބަދުވެސް އިސްވެ ވާހަކަ ދައްކާފައި ހުންނާނީ އަހަރެންނެވެ. އަހަރެންގެ ހިތަށް އެރިއެވެ. ވާހަކަ ދައްކާލައި ރައްޓެހިކަން ބޭއްވުމަކުން ގޯހެއް ނެތްތާއެެވެ.

"ހެހެ.. އަހަރެންނަށް ގަބޫލެއް ނުކުރެވޭ އަންހެން ކުއްޖަކު އިސްވެ އަހަރެން ހޯދަން އައިސްފާނެ ކަމަކަށް. އެހެންވީމަ މިހާރުން ފެށިގެންވެސް ތީ ސްޕެޝަލް ކުއްޖެއްތާ. އެކަމު މާދަން ވަރަށް އަވަހަށް ހޭލަން ޖެހޭ. ނަންބަރު ދީފާނަން. ފަހުން ގުޅާލާ! " އެހެން ބުނެފައި އަހަރެން ދީމާއަށް ފޯނު ނަންބަރު ދިނީމެވެ.

ދީމާ އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ އިނެވެ. އަދި ވަށްކަޅިން އަހަރެންނާ ދިމާލަށް ބަލައިލިއެވެ.

"އަހަރެން ބޭނުންވީ ރައްޓެހިކަން ބާއްވަން. މިއުޅެނީ ރައްޓެހިވާކަށް ނޫން އިނގޭ. ފޯނު ނަންބަރު ބޭނުމެއް ނޫން." ދީމާ އެހެން ބުނީ މުޅިން ތަފާތު ރާގެއްގައެވެ. އެ އަޑުގައި ދެންމެ ހުރީ "ފޮނި" ކަމެކެވެ. އަހަރެން ހައްދާލަން އައި ކުއްޖަކަށްވެސް ވެދާނެތާއެވެ. ނޫނީ ފޯނު ނަންބަރު ދިނުމުން ހަމަ ހަގީގަތުގައިވެސް

ފޮނިވީ ކަންނޭނގެއެެވެ.

"އެހެންތަ؟ އޯކޭ އެހެންވީމަ. " އަހަރެން ބުނީމެވެ.

އަހަރެންވެސް ހިތަށް އެރިއެވެ. ފިރިހެނުންގެ ތެރޭގައިވެސް އެބުނާ "ފޮނި"މީހުން ތިބޭކަން އަންގައިދޭނަމެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ދޮރު ލެއްޕީމެވެ. ދޮރު ލެއްޕި ގޮތަށް ފަހަތް ބަލައިލުމެއް ނެތި ހިނގާފައި ގޮސް އަހަރެން ވަނީ ކޮޓަރިއަށެވެ. ނިދިވެސް އައިސްފައި ހުރިލެއް ބޮޑު ކަމުންނެވެ. އަނެއްކޮޅުން ލޯބިވެރިއެއް ހޯދުމުގެ ޝައުގުވެރިކަމެއް ނެތްއިރު، ބީރައްޓެހި އަންހެން ކުއްޖަކާ ވާހަކަ ދައްކަން ވަގުތު ތަކެއް ނަގާލުމުގެ ބޭނުމަކީވެސް ކޮބައިހެއްޔެެވެ؟

********************************

ކޮޓަރިއަށް ވަދެ އަހަރެން ނިދަން އޮށޯތީމެެވެ. އޭރު ގަޑިން ތިނެއް ޖަހައިިފިއެވެ. އެނދުގެ އެއްކޮޅުން އަނެއްކޮޅަށް ފުރޮޅި ފުރޮޅި އޮތްއިރުވެސް ނިދޭ ގޮތެއް ނުވިއެވެ. އަހަރެންނަށް ހައިރާންކަން ލިބުނީ އިރުކޮޅެއް ކުރިން އަހަރެންނާ ބައްދަލުވި ގޮތްނޭނގޭ އަންހެން ކުއްޖާއާ ދޭތެރޭ ވިސްނެމުންދާކަން އިހްސާސް ކުރެވުމުންނެވެ. ދީމާގެ ބުޅި އިސްތަށިގަނޑާ، ރީތި ރަކި ހިނިތުންވުން އަހަރެންގެ ހިތުގައި ކުރެހިފައިވާ ކަހަލައެވެ.

ދީމާއަށް އަހަރެންގެ ފޮނިކަން ދައްކަން ހަދައިގެން އޭނާގެ ނަންބަރުވެސް ނުލިބުނީއެވެ. މިހެދުނީ ޅައެއްޗެކޭ ހިތަށް އެރިއެވެ. ދެން ހިތަށް އެރީ ފޭސްބުކުން އޭނާ ފެނޭތޯ ބަލާލާށެވެ. ފްރެންޑް ރިކުއެސްޓެއް ނުފޮނުވިޔަސް ޕްރޮފައިލް ބަލާލެވިދާނެތާއެވެ.

އެހެން ހިތައިި ފޯނު ނެގުމަށްފަހު ލޮކްވެފައި އިން ސްކްރީން އަންލޮކް ކޮށްލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ އަހަރެންގެ ހިތުގެ އެންމެ ގާތް މިތުރެވެ. ލޯބިވާ ޒަހުނާއެވެ. ކުރިން ސޯފާގައި އޮވެ ބެލި ޒަހުނާގެ ފޮޓޯތަކުން ކުރެ ފޮޓޯއެކެވެ. ޒަހުނާ އަކީ އަހަރެންގެ ކުރީގެ ލޯބިވެރިޔާ ހެނެއް އަހަރެންނަށް އިހްސާސްވެސް ނުކުރެވެއެވެ. އެއަށްވުރެ އޭނާ މާ ގާތެވެ. އެހެންނަަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ކިތަންމެ ގާތް ވިޔަސް ޒަހުނާ މިއަދު ވަނީ އަހަރެންގެ ހިތުގައި އެކަންޏެވެ.

(ނުނިމޭ..)

Advertisement

ކޮމެންޓް