"މިހާރު އެންމެ މޮޅަށް ކުރާ ކަމަކީ މީހުން ހައްޔަރު ކުރުން"

13 Sep 2019 | 14:04

މި ގައުމުގައި އެންމެ މޮޅަށް ހިނގާ ކަމަކީ މީހުން ހައްޔަރު ކުރުން ކަަމަށް ޕީޕީއެމމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން  ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޓެރަރިޒަމްގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ މަންޒަރެއް ދައްކާލަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ހެދިފައި އޮތީ އެއްވެސް ކުށެއް ނެތް މައުސޫމު ރައްޔިތުންވެސް ހައްޔަރު ކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފަސޭހަ ކަމަކީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ގާނޫނުގައި އޮންނަ އެންމެ ހަމަނުޖެހޭ އެއް ކަމަކީ ފުލުހުން ނެރޭ އިންޓެލިޖެންސް ރިޕޯޓަކަށް ބެލުމަށްފަހު، ކުށެއްގެ ތުހުމަތު ކުރެވޭ މީހާއަށް ޝަރީއަތުގެ މަޖިލީހުގައި ބަންދުގެ މުއްދަތު ޖެހުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ވަރަށް ވުރެ އިތުރު ކަންކަން ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ކަނޑައަޅަން މަސައްކަތް ކުރާއިރު ކުރެވެނީ ކޮން ކަމެއްކަން ވެސް ސަރުކާރުގެ ވެރިންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން މަގުމައްޗަށް ނުކުންނނައިރަށް، އަސްކަރިއްޔާއިން ރައްޔިތުންނާއި ދެކޮޅަށް ނުކުމެފައިވާ ކަމަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ބުނަމުން ދިޔަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޓެރަރިޒަމްގެ ނަމުގައި ކުރަމުން އަންނަ ކަންތައްތަކުގެ ސަބަބުން ފަހުން ގެއްލުން ވާނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އިންސާފު ގެނައުމުގެ ވާހަކަ ދައްކާއިރު، އެންމެ ބޮޑެތި މައްސަލަތަކުގައި ކުށްވެރިވާ މީހުން ތިބީ ދޫވެފައި ކަމަށެވެ. 

Advertisement

ކޮމެންޓް