އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން ވޯޓުލާނީ ފަލަސްތީނާއި އެއްކޮޅަށް!

15 Sep 2019 | 19:16

ކުރިއަށް އޮތް އދގެ އާއްމު މަޖިލީހުގައި ފަލަސްތީނަށް ފުރިހަމަޔަށް ތާޢީދުކޮށް، ފަލަސްތީނު މައްސަލައިގައި އާއްމު މަޖިލީހަށް ހުށަހެޅޭ ޤަރާރުތަކުގައި އެޤައުމާއި އެއްކޮޅަށް ވޯޓުލާނެކަން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިކަން އިއުލާންކުރެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލަގައި ދިވެހިން ތިބީ އެޤައުމާއި އެކުގައިކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި މުސްލިމް އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނެކޭ އެއްފަދައިން މިނިސްޓަރ ޝާހިދުވެސް ވަނީ، ކުރިއަށް އޮތް އިސްރާއީލުގެ އާއްމު އިންތިޚާބު ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ އުރުދުން ވާދީއާއި އެހެން ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ކުށްވެރިކުރައްވާފައެވެ.

މީގެ އިތުރުން މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު ލިބޭނެކަމަށާއި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން މީހުން އާބާދުކުރުމާ ޤުދުސްއަށް ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ބަދަލުކުރުމަކީ ދިވެހިރާއްޖެއިން ދެކޮޅު ހަދާ ކަންކަން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބާއްވާފައި މިވަނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ޤާނޫނީ ފިޔަވަޅުތައް އެޅުމަށް، ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށެވެ.

ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލެވެ.

Advertisement

ކޮމެންޓް

Advertisement