ނިރުބަވެރިކަމާ ދެކޮޅަށް ދިން ދަރުސްގައި ޝެއިހަށް ބަހުގެ ހަމަލާތަކެއް!

18 Sep 2019 | 10:13

"ނިރުބަވެރި ފިކުރުތަކުން ސަލާމަތްވުމަށް" މިނަމުގައި ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫގައި ބޭއްވި ދަރުސްއަށްފަހު، ސުވާލު ކުރަން ހުޅުވައިލި ފުރުސަތުގައި ބައެއް ފަރާތްތަކުން ދަރުސް ދެއްވި ޝެއިހަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ރޭ ބޭއްވި ދަރުސްގައި ދީނީ ނަސޭހަތް ދެއްވާފައިވަނީ އައްޝެއިހު މުހައްމަދު އަނީލެވެ. އަނީލްގެ ދަރުސްގައި ވަނީ އިސްލާމް ދީން ބަދުނާމު ކުރުމަށްޓަކައި ބައެއް ފަރާތްތަކުން، ނިރުބަވެރި ހަމަލާތައް ދެމުން އަންނަ ކަމަށާއި، އިސްލާމް ދީނުގައި އެފަދަ ކަންކަމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

ދަރުސްއަށްފަހު ސުވާލު ކުރަން ދިން ފުރުސަތު ޒުވާން ފިރިހެން ކުއްޖަކު ވަނީ ޝެއިހު އަނީލްއާ ސުވާލު ކޮށްފައެވެ.

"އުއްމަތުގެ އިއްޒަތާއި ކަރާމާތް ދިޔައީ ހަގީގަތުގައިވެސް ޖިހާދު ދޫކޮށްލުމުންނެވެ. މިއީ 2008 ވަނަ އަހަރު ޝެއިހު އަނީލްގެ ވެެބްސައިޓުގައި ޝެއިހު ޝަހީމް ލިޔުއްވާފައިވާ ފަތުވާއެއް. މީގގައި އެބައިން އިރާގު، ސީރިޔާ ކަޝްމީރު ފަދަ ތަންތަނަށް ހަނގުރާމައަށް ދިޔުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުދީ ވާޖިބެއް ކަމަށް ފަތުވާދެއްވާފައި. އެފަތުވާތަކަށް ބިނާކޮށް، މިއަދާ ހަމައަށް، އެ ފަތުވާތތަކަށް ތަބާވެގެން ދިޔަ ކުދިންނާއި(ޖިހާދަށް ދިޔަ ކުދިންނާ) އެކުދިންގެ އާއިލާތަކަށް ޝެއިހު ބުނެލަން އޮތީ ކޮން ވާހަކައެއްތޯ؟ ޝެއިހުމެން ޖެހޭނެ ނޫންތޯ މި ފަތުވާއަށް ތައުބާވާން؟ އަދި ތައުބާ އިއުލާނު ކުރަން. އަދދި މިގޮތަށް މިއަދާ ހަމައަށް ފަތުވާ އޮވެފައި، ޝެއިހުމެން މިކަމުން ބަރީއަ ވެފައި، މިއަދު އެ ފަތުވާތަކަށް ތަބާވި ކުދިންނަށް ނިރުބަވެރިންނޭ، ތަކްފީރީ ފިކުރޭ ބުނުމުން ޝެއިހުގެ ޒިންމާ އަދާވީތޯ؟" މިއީ އެ ޒުވާނާ ކުރި ސުވާލެވެ.

ޖަވާބުގައި ޝެއިހު ވިދާޅުވީ ޖިހާދު ކުރުމަކީ މާތް އަޅުކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން ޖެހެނީ ވަކި ޝަރުތުތަކަކާ އެއްގޮތަށް ކަަމަށްވެސް ވިދާޅުވިއެވެ. ޝެއިހު ވިދާޅުވީ އޭނާގެ ވެބްސސައިޓުގައި އޮތް އާޓިކަލްގައި ހުރި ވާހަކަތައް، ސުވާލު ކުރި ޒުވާނާ އެއްކޮށް ކިޔާފައިނުވާ ކަމަށެވެ. ކީނނަމަ، އޭގެ ހަގީގަތް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ދަރުސް އަޑު އަހަން ދިޔަ އެހެން ޒުވާނަކު ސުވާލު ކުރަމުން ދަނިކޮށް، ލައިވް ވަނީ ކަނޑައިލާފައެވެ. ދަރުސްއަށް ދިޔަ މީހަކު ބުނީ ފަހުންވެސް ޝެއިހު އަނީލްއަށް ބަހުގެ ހަމަލާތަކެއް އަމާޒުވި ކަމަށެވެ. އަދި އެތަން ދުކުރައްވާ ވަޑައިގެންނެވިއިިރު، އިތުރު މީހުން ސުވާލު ކުރަންވެސް ބޭނުންވެފައި ތިބި ކަމަށެވެ.  

Advertisement

ކޮމެންޓް