ރިޔާސީ އިންތިހާބުން އެނގުނީ ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ލޯބި ކުރާ މިންވަރު- އެމްއާރްއެމް

15 Sep 2019 | 23:15

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ހާމަ ވެގެން ދިޔައީ ދިވެހި ރައްޔިތުން ޑިމޮކްރަސީގެ ހަމަތަކަށް ލޯބި ކުރާ މިންވަރު ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމްއިން، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ކިޔައި، މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނިމިގެން ދިޔަ ރިޔާސީ އިންތިިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމަކީ، ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަ ކުރުމަށްޓަކައި، ނިންމި ނިންމުމެއް ކަމަށެވެ.

އެމްއާރްއެމްއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިހާބަކީ، ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އެބަޔާނުގައި ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން އެ ސަރުކާރުގައި ކޮރަޕްޝަނާއި، އަނިޔާވެރި އަމަލުތައް ހިންގީ ޑިމޮކްރަސީގެ ހަމަތަކުން ބޭރުން ކަމުގައި ފާހަގަކުރިއެވެ.

އެޕާޓީން ބުނީ، ބައިނަލްއަގްވާމީ ޑިމޮކްރަސީ ފާހަގަ ކުރަމުންދާއިރު، މިއަދުގެ ސަރުކާރުން ޑިމޮކްރަސީ ނަގަހައްޓަން ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. އަދި އެމްއާރްއެމްއިންވެސް އެކަމަށް އެއްބާރުލުން ދޭން ތައްޔާރަށް ހުރިކަން ފާހަގަކޮށްފައިވެއެވެ.

" އެ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ، ރައްޔިތުންނަށް ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ހައްގުގެ ބޭނުންކޮށް އަނިޔާވެރި ވެރިކަމަކަށް ނިމުން ގެނެސްދީފައެވެ" އެބަޔާނުގައި ވެއެވެ. 

Advertisement

ކޮމެންޓް