ރެއާލް އަދި ސިޓީއަށްވެސް މޮޅެއް
ޔުއޭފާ ޗެންޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން އެޓީމުތައް މޮޅުވެއްޖެއެވެ.
ޗެކް ރިޕަބްލިކަށް ނިސްބަތްވާ ވިކްޓޯރިއާ ޕްލެޒެންއާއި ބައްދަލުކޮށް ރެއާލްއުން މޮޅުވީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ.
ރެއާލްގެ ފަރާތުން މެޗުގައި ފެނުނު ދެ ލަނޑު އެޓީމަށް ޖަހައިދިނީ އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒީމާ އަދި ޑިފެންޑަރު މާސެލޯއެވެ. ރެއާލްއަށް ދެ ލަނޑުޖެހުން ކަމުގައިވިއަސް އެޓީމުންވަނީ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
ޕްލެޒެންގެ ފަރާތުން މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ހުރޮސޯވްސްކީއެވެ.
މެޗަށްފަހު ރެއާލްގެ ކޯޗުކަމުގައި ދެމި ހުންނާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ރެއާލްގެ ކޯޗު ބުނީ އެ ސުވާލުކުރަން ޖެހޭނީ އޭނައަކާ ނޫންކަމަށާއި މިވަގުތު ވިސްނުން ހުރީ ބާސެލޯނާއާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ އެލް ކްލެސިކޯއަށް ކަމަށެވެ.
މެންޗެސްޓާ ސިޓީއިން ޔޫކްރޭނުގެ ސަކްތާ ޑޮނެސްޓްއާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވެފައިވަނީ ފަސޭހަކަމާއެކު 3-0 ކުންނެވެ.
ސިޓީގެ ފަރާތުން ރީތި ކުޅުމެއް ފެނުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑާވިޑް ސިލްވާ، ލަޕޯޓް އަދި ބެނާޑޯ ސިލްވާއެވެ.
މި މޮޅާއެކު ސިޓީވަނީ ޗެންޕިއަންސް ލީގުގެ ގުރޫޕް އެފްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ފަސް ޕޮއިންޓާއެކު މި ގުރޫޕުގެ ދެވަނައިގަ އޮތީ ލިޔޯންއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މެޗުގައި ސިޓީން ދެއްކި ކުޅުމަކީ މިހާތަނަށް އެނާގެ ކޯޗުކަމުގައި ސިޓީންދެއްކި އެންމެ ފުރިހަމަ އަދި އެންމެ މޮޅު ކުޅުން ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists