Advertisement

8 ގޯލް ޖަހާ ސިޓީ ފެންވަރު ދައްކާލައިފި

21 Sep 2019 | 21:00

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި ވޮޓްފޯޑް ބައްދަލުކުރި މެޗް 8-0 ކުން ކާމިޔާބުކޮށް ސިޓީ ތިން ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

ސިޓީގެ ފަރާތުން ގޯލު ފުންޏެއް ފެނުނު މި މެޗުގައި އެޓީމް ވަނީ 1 ވަނަ މިނެޓުގައި ގޯލެއް ޖަހާ އިދިކޮޅުން ނުކުތް ވޮޓްފޯޑް މާޔޫސް ކޮށްލާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓާ ހިސާބަށް ކުޅެވުނު ސިޓީ ވަނީ 5-0 ގެ ލީޑެއް ނަގާ އެންމެން ހައިރާން ކޮށްލާފައެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމެއް މިހާ އަވަހަށް 5 ގޯލް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. 

ފުރަތަމަ ހާފުގައި މި 5 ގޯލުވެސް ފެނިގެން ދިޔައިރު މި ގޯލުތައް ކާމިޔާބު ކޮށްދިނީ ޑާވިޑް ސިލްވާ، ލިބުނު ޕެނަލްޓީއަކުން އަގުއޭރޯ، މަހްރޭޒް، ބެނާޑޯ ސިލްވާ އަދި ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއެވެ.

ދެވަނަ ހާފުގައިވެސް ފެނިގެންދިޔައީ ސިޓީ ގިނަ ވަގުތު ބޯޅަ ޑޮމިނޭޓްކޮށް ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ މަންޒަރެވެ. އެގޮތުން ބެނާޑޯ ސިލްވާ ވަނީ ސިޓީއަށް އިތުރު ދެ ގޯލް ޖަހައިދީ ހެޓްރިކް ހަދާ 60 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ 7-0 ކަށް ހަދާފައެވެ.

ނިމިދިޔަ ހަފްތާގައި ކުޅުނު ލީގް މެޗުގައި ސިޓީ ވަނީ ހައިރާންކުރުވަނިވި ގޮތަކަށް އަލަށް ޕްރޮމޯޓްވި ނޯވިޗް އަތުން 3-2 ކުން ބަލިވެފައެވެ. އެއާ ހިލާފަށް ވޮޓްފޯޑް މިދިޔަ ހަފްތާގައި އާސެނަލްއައި ދެކޮޅަށް ކުޅުނު މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ ފަހަތުން އަރާ 2-2 ގެ ނަތީޖާއަކުން ބަލިނުވެ ހިފަހައްޓާލާފައެވެ.

ވޮޓްފޯޑުގެ ފަރާތުން ސިޓީއަށް ރައްދެއް ދޭން އެދެވޭ ފެންވަރުގެ އެއްވެސް ހަމަލާއެއް އުފެއްދިފައި ނުވާކަންވެސް މިމެޗުން ފާހަގަވެގެން ގޮސްފައިވެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީ އަށް އެޓީމުގެ އަށްވަނަ ގޯލް ކާމިޔާބު ކޮށްދިނީ މުޅި މެޗުގައިވެސް އާދަޔާހިލާފު މޮޅު ކުޅުމެއް ދެއްކި ބެލްޖިއަމްއަށް ނިސްބަތްވާ މިޑްފީލްޑާ ކެވިން ޑި ބްރޫނޭއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައެވެ. އެއް މެޗް މަދުން ކުޅެ ތާވަލުގެ އެއްވަނައިގަ ލިވަޕޫލް އޮތީ 15 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް

Advertisement