Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު މެދުކަނޑާލައްވައިފި

22 Sep 2019 | 14:54

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަތޮޅުތެރެއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލައްވައިފިއެވެ.

ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ލިބުނު ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅު ކުރު ކޮށްލެއްވުމަށްފަހު، މާލެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ހަފްތާ ބަންދުގައި ވަޑައިގެންފައިވަނީ މ އަތޮޅުގެ ރަށްތަކަށެވެ. އަދި ދަތުރުފުޅު ކުރު ކޮށްލެއްވުމަށްފަހުގައި، ވަޑައިގެންނެވީ ފ އަތޮޅުގެ ރަށްތަކަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު މެދުކަނޑާލައްވާފައެވެ. ރައީސް ޔާމީން ދެން ފ އަތޮޅަށް ވަޑައިގަންނަވާނެ ވަކި ތާރީހެއް އަބްދުއްރަހީމް ވިދާޅެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭ، ހ.ތިލަފުށީ ގޭގެ ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން އެކަކު ނިޔާވިއިރު، 400އެއްހާ މީހުންނަށް އެކަމުގެ ގެއްލުންތައް ލިބުނެވެ. 

Advertisement

ކޮމެންޓް