އެސްއޯއެފުން ޖަމާކުރި ފައިސާ އަދިވެސް ހުރީ އިސްލާމިކް ބޭންކްގެ އެކައުންޓެއްގައި: ރައީސް ޔާމީން

25 Sep 2019 | 18:52

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރު އަދިވެސް ހުރީ އިސްލާމިކް ބޭންކްގެ އެކައުންޓެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރީ ގއ.ވޮޑަމުއްލާ ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރުކަން އެނގެން ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެއްމިލިޔަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިއިރުވެސް އެސްއޯއެފްގެ އެކައުންޓްގައި މިލިޔަނަކާއި ގާތްކުރާވަރަށް ފައިސާ ހުރިކަމަށް ވިދާޅުވެފައެވެ.

އަދި އަދީބުގެ ފަރާތުން އެސްއޯއެފްގެ އެކައުންޓަށް ކެމްޕެއިން ފައިސާ ޖަމާކޮށްގެން ގެންގުޅުނުކަމަށް ބެލެވެން އޮތްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިހާތަނަށް ހާމަވެފައިވާ ކަންތައްތަކަށް ބަލާއިރު، އަޅުގަނޑުގެ ކެމްޕެއިނަށް ލިބުނު ފައިސާވެސް އަދީބު އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްގެން ގެންގުޅުނުކަމަށް ބެލުމުގެ ފުރުސަތު ލިބޭ. އެއީ އެސްއޯއެފްގެ ކަންކަން ކުރިއަށް ގެންދިޔައީ އަދީބުގެ އޯޑަރަށްކަމަށް ޒިޔަތު ވެސް ވިދާޅުވެފައިވާތީ"، ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެކައުންޓަށް ޖަމާވެފައިވާ ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށް ވިދާޅުވެ، މިއަދުވެސް އެފައިސާ އެހެރީ އެފައިސާ ވަން ބޭންކްގައި ހުރި ރައީސް ޔާމީންގެ އެކައުންޓެއްގައިކަމަށް ވިދާޅުވެފައެވެ.

"އެފައިސާ އެކްސްކްރޯ އެކައުންޓަށް އެފައިސާ ޖަމާނުކުރީ އޭރުން މަނީ ލޯންޑްރިންގައި ބައިވެރިވި ކަމަށް ބެލެވޭނެތީ. އަދި އޭސީސީ އިން ބޭނުންވީ ބީއެމްއެލްގައި އެކައުންޓެއް ހުޅުވަން. މިފައިސާ އަކީ ދައުލަތުގެ ފައިސާ އަށް ފަހަރެއްގައި ވެސް ވެދާނެ ކަމަށް ލަފާކުރެވިގެން އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އިސްނެގީ އަޅުގަނޑު. އޭސީސީ އިން އަޅުގަނޑަށް އެނގި އެފައިސާގައި އަތް ނުލާން"، ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް