ރައީސް ޔާމީންގެ ދައުރުގައި އެމްޑީއެންގެ ފަރާތްތަކަށް ފުރުސަތެއް ނުދެން: މުއިއްޒު

12 Oct 2019 | 11:49

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެމްޑީއެންގެ ފަރާތްތަކަށް ފުރުސަތު ދީފައިނުވާނެކަމަށް އެސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "އަންނަނީ އަންނަނީ" އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ އެމްޑީއެންގެ ފަރާތްތަކުން އިސްލާމްދީނަށް ފުރައްސާރަވާފަދަ މޭރުމަކުން ރިޕޯޓްތައް ނެރުންފަދަ މަސައްކަތްތައް ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާކަަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތު ދީފައިނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމްޑީއެންއިން އެފަދަ ރިޕޯޓެއް ނެރުމުގެ ބޭނުމަކީ ބޮޑެތިވަމުން އަންނަ ކުދިންގެ ހިތްތަކުގައި މިނިވަން ޚިޔާލާއި ފިކުރު އަށަގެންނެވުމެވެ. އަދި އެ ރިޕޯޓް ލިޔުމުގައި ބައިވެރިވި އެކި ފަރާތްތަަކަށް މަގާމުތައް ދިނުމަށްފަހު ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކުރަންވީ ކީއްވެތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން މުއިއްޒު ވަނީ މި ރިޕޯޓްގެ މައްސަލައާއި ގުޅިގެން ދީނީ އިލްމުވެރިން ތެދުވަންޖެހޭކަމަށް ވިދާޅުވެ، ސިޔާސި ފިކުރަށްވުރެ ދީނާއި ޤައުމީ ވިސްނުން މާ މުހިންމު ކަމަށް ވިދާޅުވެފައެވެ. 

މި އެއްވުމުގައި މުއިއްޒު ވަނީ އެ ރިޕޯޓް ތައްޔާރުކުރި މީހުންނަކީ އަބޫޖަހުލަށްވުރެ ނުބައި ބަޔެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement