ރާއްޖޭގެ ދުޅަހެޔޮކަމުގެ އެމްބެސެޑަރަކަށް ސުނިލް ޝެޓީ!

12 Oct 2019 | 19:51

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ 'މިޝަން ފިޓް މޯލްޑިވްސް' ގައި 'އެމްބަސަޑަރ އޮފް ވެލްނެސް' ގެ މަގާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިޓްނެސް ގުރޫ ސުނިލް ޝެޓީ ހަމަޖައްސައިފިއެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓް ކުރުމަށް މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރާއްޖެއަކީ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތެއް އުޅޭ ގައުމަކަށް ހެދުމަށް މިނިސްޓްރީއިން ވަނީ 'މިޝަން ފިޓް މޯލްޑިވްސް' ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ. މި ކެމްޕޭނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅޭ ރައްޔިތުންތަކެއް ހެދުމަށް ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ރާއްޖޭއަކީ ދުނިޔޭގެ އެންމެ ދުޅަހެޔޮ ރައްޔިތުން އުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނުމަށް ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތްކުރާ ބޭފުޅުންނާއެކު މި ކެމްޕޭނުގެ 'އެމްބެސެޑަރ އޮފް ވެލްނެސް' ސުނިލް ޝެޓީ އަދި އޭނާގެ ޓީމު ހަރަކާތްތެރިވާނެއެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި ބޮލީވުޑްގެ އެތައް ކާމިޔާބު ފިލްމެއްގައި އެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވެފައިވާ ސުނިލް ޝެޓީއަކީ މިވަގުތު އިންޑިއާގެ އެންމެ ބޮޑު އަދި ކާމިޔާބު ފިޓްނެސް ކެމްޕޭން ކަމަށްވާ 'މިޝަން ފިޓް އިންޑިއާ' ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ. މި ކެމްޕޭން އިންޑިއާގައި ކުރިޔަށް ގެންދަނީ އެ ގައުމުގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް ކަމަށްވާ ހިންދުސްތާން ޓައިމްސް ލިމިޓެޑާއި ގުޅިގެންނެވެ. މިދިޔަ 2018 ވަނަ އަހަރު ކުރިޔަށް ދިޔަ މި ކެމްޕޭންގެ ފުރަަތަމަ ސީޒަނުގައި 120 ދުވަހުގެ ފިޓްނެސް ފެސްޓިވަލް އިންޑިއާގެ 43 ސިޓީއެއްގައި ކުރިޔަށް ގެންގޮސްފައިވާއިރު މި ފެސްޓިވަލްގައި ގާތްގަނޑަކަށް 200 މިލިއަން މީހުން ބައިވެރިވެފައިވެއެވެ.

މި ކެމްޕޭންގެ 'އެމްބެސެޑަރ އޮފް ވެލްނެސް' ގެ މަގާމަށް ހަމަޖެއްސުމަށް ނިންމުމާއި ގުޅިގެން ސުނިލް ބުނީ ރާއްޖެއަަކީ ދުޅަހެޔޮ ސިއްޚަތު ރަނގަޅު ރައްޔިތެއް އުޅޭ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް އޭނާއަށް ފުރުސަތު ލިބިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ސަރުކާރާއެކު ކުރާ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ މުޖުތަމައުގައި ހުރި ސިއްޚީ ނުރަނގަޅު އާދަތައް ނައްތާލުމަށް އެހީތެރިވުން ކަމަށް ސުނިލް ބުންޏެވެ. ސުނިލް ބުނީ ފިޓްކޮށް ހުރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ކުރެވޭނެ ކަމެއް ކަން އަންގަން ބޭނުންވާ ކަމަށެވެ. ރާއްޖެއަކީ ދުޅަހެޔޮ ސިއްޚަތު ރަނގަޅު ރައްޔިތެއް އުޅޭ ގައުމަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް މިނިސްޓަރ އަހްމަދު މަހްލޫފް އަދި މިނިސްޓަރގެ ޓީމާއެކު މަސައްކަތް ކުރުމަކީ ފަޚުރެއް ކަމަށް ދެކޭ ކަމަށް ސުނިލް ބުންޏެވެ.

Advertisement

ކޮމެންޓް