އާފިޔާ ބޭނުންވަނީ ވަކީލަކާއި ނުލައި ކުރިއަށްދާން!

13 Oct 2019 | 16:03

2015ވަނަ އަހަރު ވ.ރަކީދޫގައި ލިބުނު އަނިޔާތަކެއްގެ ސަބަބުން މަރުވި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ކުރިއަށްދާން ބޭނުންވީ ވަކީލަކާއި ނުލާ ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ބުނެފިއެވެ.

އިބްތިހާލްގެ މަރާއި ގުޅިގެން އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އޭނާާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ އޭރުގެ ގާނޫނުލް އުގޫބާތުގެ ދަށުންނެެވެ.

މި ދެ މައްސަލައިގައި މީގެ ކުރިން އޮތް އަޑުއެހުމުގައި އާފިޔާ ވަނީ ދައުވާއަށް އިންކާރުކޮށް، މައްސަލައާއިގެން ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއި އެކުގައިކަމަށް ބުނެފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އާފިޔާ ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ލިޔުމެއް ކަރެކްޝަންސްއިން ދީފައި ނުވާކަަމަށާއި، މިހާރު ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށެވެ. މިކަމާއި ގުޅިގެން ދައުލަތުން ބުނީ އާފިޔާއަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ހޯދައިިދިންކަމަށް އެނގިފައިވާ ކަމަށެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވުމުން އާފިޔާ ވަނީ ދައުވާއަށް އިންކާރުނުކުރާކަމަށާއި ނަމަވެސް އޭނާގެ އަތުން އަނިޔާއެއް ވެފައިނުވާނެކަމަށްބުނެފައެވެ. މިއާއި އެކު މި މައްސަލަ ބައްލަވާ ގާޟީ ސަމީރު ވަނީ ދައުވާގައި ހިމެނޭ ކަންކަން ނުކުރާ ކަމަށް އޭނާ ބުނުމުން، އާފިޔާ އެ ދައުވާއަށް އިންކާރުކުރީ ކަމަށް ބުނެފައެވެ.

އިބްތިހާލުގެ މަރާއި ގުޅިގެން އާފިޔާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައިވެސް އެއް ހެކިތަކެއް ހިމެނޭތީ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެ ދެ މައްސަލާގައި ހެކިބަސް ނެގުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް މިއަދު ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް

Advertisement